ޔާމީން ޖަލުގައި ހުންނެވި މުއްދަތަށް 2.4 މިލިއަން ރުފިޔާ ދީފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ހޭދަކުރެއްވި ދެ އަހަރު ދުވަހުގެ އިނާޔަތްތަކުގެ ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގަތް 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ދީފިއެވެ. ޔާމީން ފިނޭންސްގައި އެދިވަޑައިގެންފައި ވަނީ ޖަލުގައި ހޭދަ ކުރެއްވި ދެ އަހަރުގެ ތެރޭގައި ނުލިބިވާ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ދިނުމަށެވެ. އެއީ ޖަލު ހުކުމުގެ ކުރިން މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއައި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާ ހިމެނޭހެން ޖުމްލަ 2.4 މިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީގެ މީޑިއާ ޑިރެކްޓާ މުހައްމަދު ޝަނޫން "ސަން"އަށް ވިދާޅުވީ މިހާރު އެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ. ޖަލު ހުކުމުގައި ހުންނެވިއިރު ލިބެންޖެހޭ 2.4 މިލިއަން ރުފިޔާގެ އިނާޔަތުގެ އިތުރުން މިދިޔަ ޑިސެންބަރު މަހަށް ލިބެން ޖެހޭ އިނާޔަތް ވެސް މިހާރު ޖަމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީން މިނިވަންވުމާއެކު އެ މަނިކުފާނަށް ލިބެންޖެހޭ އިނާޔަތްތައް އެ މަނިކުފާނަށް ދިނުމަށް ޓަކައި ކޮންޓިންޖެންސީ ބަޖެޓުން އިނާޔަތްތަކަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. ގާނޫނު ބުނާގޮތުން ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި ސެކިއުރިޓީ އާއި ފައިސާގެ އިތުރުން އޮފީހެއް ހިންގުމުގެ ހަރަދު ހިމެނެއެވެ. ޖަލަށް ލާން ހުކުމް ކުރި ހިސާބުން އެ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ. ނަމަވެސް މިދިޔަ ނޮވެންބަރު މަހުގެ 30ވަނަ ދުވަހު ސުޕްރީމް ކޯޓުންވަނީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައެވެ. އެއާއެކު އަލުން އެ މަނިކުފާނަށް ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި ސެކިއުރިޓީގެ ހިދުމަތް ދައުލަތުން އެ މަނިކުފާނަށް ވަނީ ފޯރުކޮށްދޭން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ