މާމެންދޫ ކޯޓުގެ އިސް މެޖިސްޓުރޭޓު ވަކިކުރަމުގެ މައްސަލަ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓިރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ޝުކޫރު މަޤާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. ޝުކޫރު މެޖިސްޓްރޭޓުގެ މަޤާމުން ވަކިކުރަން ނިންމާފައިވަނީ ޝުކޫރާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ މައްސަލަ ގއ.ވިލިނގިލީ ކޯޓުން ބަލަމުންދިޔަ ދުވަސްވަރު އެ މީހާގެ ވަކީލާ ރެސްޓޯރެންޓައި ބައްދަލުކުރައްވައި އޭނާގެ އަތުން އެންވިލޮޕެއް ނެންގެވިކަން ސާބިތުވެފައިވާތީ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގއ.ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދުކުރައްވާކަން ހާމަަކުރައްވައި ވާހަކަދައްކަވައި ވަކި ކެނޑިޑޭޓަކަށް ވޯޓު ހޯއްދަވަން މަސައްކަތްކުރެއްވިކަން ސާބިތުވެފައިވާ ކަމުގައިވެސް ޖޭއެސްސީން ބުނެފައިވެއެވެ. ހަމައެެހެންމެ ގއ.ކޮލަމާފުށިން 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަޑުއެހުން ބޭއްވުމުގެ ކުރިން، ކޯޓުން ބޭރުން ބަންދާމެދު ނިންމަވާނެ ގޮތް ފުލުހުންނާ ޝުކޫރު ހިއްސާކުރެއްވި ކަމަށާއި، ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައިވެސް އޭނާ އަމަލުކުރައްވާފައިވަނީ ޢަދުލުވެރިކަމުގެ އުޞޫލުތަކާ ޚިލާފަށް ކަމުގައި ޖޭއެސްސީން ބުނެފައިވެއެވެ. ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާއިރު، އޭނާއާ ގުޅުންހުރި އިތުރު މައްސަލަތަކެއްވެސް އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ކަމުގައި ޖޭއެސްސީން ބުންޏެވެ. އެގޮތުން ކޯޓުން އަމުރެއް ހޯދަން ދިއުމުން އަމުރު ދިނުމަށްފަހު، ފުލުހުން ކުށުގެ ވެއްޓަށް ދިއުމުގެ ކުރިން އެ މައުލޫމާތު ލީކުވެ، ކުށުގެ ވެށިން ހެކި ހޯދަން އުދަގޫވާ ކަމުގައި ބުނެ ހުށަހަޅާފައިވާ މައްސަލައެއްވެސް އެ ކޮމިޝަނުން ދަނީ ބަލަމުން ކަމުގައި ބުނެފައިވެއެވެ. އަދި ގއ.ވިލިނގިއްޔަށް ނިސްބަތްވާ ބައެއް މީހުންގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލަތަކާއި އެ ނޫންވެސް ބައެއް މައްސަލަތަކުގައި އުފުލާ ދައުވާތައް ސާބިތުނުވާކަމަށް ހުކުމްކުރާތީ އެ މައްސަލައާއި، އަދުލު އިންސާފަށް ހުރަސްއެޅޭ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއް ބަލަމުންދާ ކަމަށްވެސް އެ ބަޔާނުގައި ޖޭއެސްސީން ބުނެފައިވެއެވެ. އޭގެ އިތުރަށް ވިލިނގިއްޔާއި އަތޮޅުގެ އެހެން ރަށްރަށުން އެކި މައްސަލަތަކުގައި ބަންދުކޮށްގެން ގެންނަ ފަރާތްތައް ބަންދުގައި ބޭތިއްބޭ މިންވަރަށް ހެކި ހުއްޓައި އެމީހުން ދޫކޮށްލާ ކަމަށް ތުހުމަތުވާ މައްސަލައެއްވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ.  މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ޝުކޫރު ވަކިކުރަން ފެންނަ ކަމުގައި ޖޭއެސްސީން ނިންމި ނިންމުން މިއަދު މަޖިލިހުގައި މަޖިލިހުގެ އަމީން އާންމުވަނި އިއްވަވާފައެވެ. އެއަަށްފަހު މަޖިލިހުގެ ރައީސްވަނީ މަޖިލިހުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން މި މައްސަލަ ތަހުގީގުކުރަން މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާނުކުރައްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ