ޓްރަމްޕްގެ ޓުވިޓާ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފި

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓާ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފިއެވެ.
ޓްރަމްޕްގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފައި މިވަނީ ދާދިފަހުން ޓްރަމްޕް ކުރައްވާފައިވާ ޓުވީޓްތަކަށް ރިއާޔަތްކޮށް ބެލިބެލުމުން މުސްތަގުބަލުގައިވެސް ޓްރަމްޕްގެ ޓުވީޓްތަކުން ހަމަނުޖެހުމަށް މަގުފައިވެދާނެކަމުގެ ބިރުވެރިކަން އުފެދޭތީ ކަމަށް ޓުވިޓާއިން ބުނެފައިވެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވައި ވާހަކަފުޅުދައްކަވާފައިވާތީ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޓުވިޓާއިން ވަނީ ޓްރަމްޕްގެ އެކައުންޓް 12 ގަޑިއިރަށް ލޮކް ކޮށްފައެވެ. އަދި އިތުރަށް ޓުވިޓާގެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ އިތުރުފިޔަވަޅުތަކެއް އަޅާނެކަމަށް ޓުވިޓާއިން އިންޒާރު ދީފައިވެއެވެ.
12 ގަޑިއިރަށްފަހު އަނެއްކާވެސް ޓުވިޓާއިން އެކައުންޓް ރިލީސް ކުރުމުން ޓްރަމްޕް އިއްޔެ ވަނީ ދެ ޓުވީޓެއް ކުރައްވާފައެވެ. ނަމަވެސް ޓުވިޓާއިން ވަނީ އެ ދެ ޓުވީޓްގެ ސަބަބުންވެސް ހަމަނުޖެހުމަށް ހިތްވަރު ލިބިދާނެ ކަމަށް ފެންނަކަމަށް ބުނެ ޓުވިޓާގެ ޕޮލިސީތަކާ ހިލާފު އަމަލެއް ކަމަށް ނިންމާފައެވެ.
ޓްރަމްޕްގެ ޓުވިޓާ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކުރި ނަމަވެސް އެމެރިކާގެ ރައީސްގެ ރަސްމީ އެކައުންޓުން ޓްރަމްޕް ވަނީ އަނެއްކާވެސް ޓުވީޓް ކުރައްވާފައެވެ. ޓުވިޓާއިން ވަނީ އެ ޓުވީޓްތައްވެސް ޑިލީޓްކޮށްފައެވެ.
ފޭސްބުކް އިންވެސް ވަނީ އެމެރިކާގެ އާ ސަރުކާރު ހުވާކުރެވެންދެން ރައީސް ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ބްލޮކް ކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ