ހޮންޑޫރަސްގެ ކުރީގެ ރައީސް ފައިސާ ދަބަހަކާ އެކު އެއާޕޯޓުން ހުއްޓުވައިފި

ތެގޫސިގަލްޕާ (ނޮވެމްބަރު 28): ހޮންޑޫރަސްގެ ކުރީގެ ރައީސް މެނުއެލް ޒެލަޔާ، 18،000 ޑޮލަރުގެ ނަގުދު ފައިސާއާ އެކު އިއްޔެ އެގައުމުގެ ޓޮންކޮންޓިން އިންޓަނޭޝަނަލް އެއާޕޯޓުން ހުއްޓުވައިފި އެވެ. ޓުވިޓާ މެދުވެރިކޮށް ޒެލަޔާ ވިދާޅުވި ގޮތުގައި އިއްޔެ އެއާޕޯޓުން ވަނީ އޭނާ "ނާއިންސާފުން ހިފަހައްޓާފަ" އެވެ. އަދި އެއީ އޭނާގެ ލަގެޖުން 18،000 ޑޮލަރު އަޅާފައިވާ ދަބަހެއް ފެނުމުން ކަމަށާއި އެއީ އޭނާގެ ދަބަހެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. "އެ ފައިސާ އަޅުގަނޑުގެ ލަގެޖު ތެރޭގައި ހިމެނުނު ގޮތެއް ނޭނގެ. ޔަގީނުންވެސް އެއީ ކޮންމެވެސް މީހަކު ކުރިކަމެއް. އަޅުގަނޑު 400 ފަހަރު ދަތުރުކޮށްފިން އަދި އަޅުގަނޑަށް އެނގޭ އެހާ ވަރަށް ގިނަ ފައިސާއާ އެއްކޮށް ދަތުރު ނުކުރުވޭނެކަން. އަޅުގަނޑުގެ ލަގެޖު ތެރެއަށް އެ ފައިސާ ލީ މީހަކު ހޯދާ، ތަހުގީގު ކުރަން ޖެހޭ،" ޒެލަޔާ ވިދާޅުވި އެވެ. ޒެލަޔާ ވިދާޅުވި ގޮތުގައި އެ ފައިސާ މިހާރު ވަނީ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޓާސް އޮފީހާ ހަވާލުކޮށްފަ އެވެ. އެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ހާދިސާއާ ގުޅިގެން ޒެލަޔާ ހިފަހައްޓާފައި ނުވެ އެވެ. ޒެލަޔާ ވިދާޅުވި ގޮތުގައި އެއާޕޯޓުން އޭނާ ހިފެހެއްޓީ މެކްސިކޯއަށް ވަޑައިގަންނަވަން ތައްޔާރުވަމުން ގެންދަވަނިކޮށެވެ. ހޮންޑޫރަސްއިން ފައިސާ ޓްރެފިކް ކުރުމާއި ލޯންޑާކުރުން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކުގައި އޮންނަ ގޮތުން އެގައުމުން ނަގުދު ފައިސާގެ ގޮތުގައި ބޭރު ކުރެވޭނީ ގިނަވެގެން 10،000 ޑޮލަރެވެ. ހޮންޑޫރަސްގެ ރައީސްކަން 2006އިން 2009އަށް ކުރެއްވި ޒެލަޔާގެ ވެރިކަން ބަދަލުވީ އެގައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމުންނެވެ. އޭރު އޭނާ ގެންދެވީ އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމާ ބެހޭ ގޮތުން އެގައުުމުގައި ފެންނަ ނުފެންނަ ވޯޓެއް ނެންގެވުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ ގިނަ މެމްބަރުންނާއި ސުޕްރީމް ކޯޓުންވެސް ދިޔައީ އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ