ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާފާޅު ކޮށްފި

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން މިއަހަރު ވާޗުއަލްކޮށް ބޭއްވި، ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އަށް އުމުރުފުރާއަަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި ދެ ކެޓެގަރީ އަކުން ވަނީ ވާދަ ކޮށްފަ އެވެ. އެއީ މުޖައްވަދުކޮށް (ދިގު ރާގު) އަދި ޙަދަރުކޮށް (ކުރު ރާގު) މި ދެ ކެޓަގަރީ އެވެ.
މިއަދު ނަތީޖާ ފާޅު ކޮށްފައިވާއިރު މުޅި މުބާރާތުގައި ދެ ކެޓެގެރީ އެއްކޮށް އަދި އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުން އެއްކޮށް އެންމެ މޮޅު ދަރިވަރުން ވަނީ ހޮވާފަ އެވެ. އެގޮތުން ދެ ކެޓަގަރީ އެއްކޮށް މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ނ. ހޮޅުދޫ، ސަރާ މަންޒިލް، މުހައްމަދު ސާއީ މުބާރިކް އެވެ. ދެ ކެޓަގަރީ އެއްކޮށް މުޅި މުބާރާތުން ދެވަނަ ނ. ހޮޅުދޫ، ބަނަފްސާގެ، އަކްމަލް އަހުމަދު އަލީ ހޯދާފައިވާއިރު ދެ ކެޓަގަރީ އެއްކޮށް މުޅި މުބާރާތުން ތިންވަނަ ށ. ފުނަދޫ، ހިރިޔާ، އައިޝަތު އިނާން ރަމްޒީ، ވަނީ ހޯދައިފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވީ މި މުބާރާތަކީ ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް ވަރަށް ފުރިހަމަޔަށް ގެންދެވުނު މުބާރާތެއް ކަމަށެވެ. އަދި އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީ އަށް އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
ނައިބް ރައީސް ވިދާޅުވީ ގައުމެއްގައި އެންމެ މުހިއްމު ވާނީ އެގައުމެއްގެ އާންމުން ނުވަތަ ރައްޔިތުން ކަމަށާއި ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް ކުރިއެރުން ލިބޭނެ ކަންތައްތައް ކަމަށެވެ. ޅަދަރީންނަށްވުރެ މުހިންމު ބައެއް ގައުމެއްގައި ނުތިބޭނެ ކަމަށާއި އެހެން ކަމުން އެ ދަރީން ރައްކާތެރިކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މިއީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް ކޮވިޑް-19އިގެ ހާލަތާ ގުޅިގެން މި މުބާރާތް މިއަހަރު ބާއްވާފައިވަނީ ވާޗުއަލް ކޮށެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ ގުރުއާން ކިޔެވުމާއި އެ އިލްމު އުނގަންނައި ދިނުމަކީ މަތިވެރި އަޅުކަމެއް ކަމަށެވެ. އަދި ކޮވިޑް 19ގެ މި ހާލަތުގައި މި ފަދަ މުބާރާތެއް ބޭއްވުމަކީ ސަރުކާރުގެ ފަރާތުން ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖައްސައި ގުރުއާނަށް ކުދިން އަހުލުުވެރި ކުރުމަށް އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ