61 ކިލޯ ޑްރަގްސް މައްސަލަ: ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ

މިދިޔަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 61 ކިލޯގެ މަސްތިވާތަކެތި އެތެރެކުރުމުގެ ބޮޑެއްގެ ގޮތުގައި ހުރި މއ. ބޮއިލިންފިޝް އަހުމަދު ވިސާމު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، އިރުއަލިމަސް ނަމަކަށް ކިޔާ ދޯންޏެއްގައި، 61 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންގފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް 24 ޖަނަވަރީ 2021 ދުވަހު ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
މިމައްސަލައިގައިއަޙްމަދު ވިސާމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ވިސާމް ހިމެނޭގޮތަށް 11 މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވެ އެވެ. މި މީހުންގެ ތެރެއިން ވިސާމް ފިޔަވައި ދެންތިބި މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
61 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 11 މީހުން–ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ އަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ ވިސާމްކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ. މި މައްސަލައިގައި ދެން ހިމެނެނީ، މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ