އިންޑިއާއިން ވެކްސިން ލިބުމަކީ ރާއްޖެއިން ކޮވިޑް ނައްތާލުމުގެ ފެށުން: ނަޝީދު

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ އައުމަކީ ރާއްޖެއިން ކޮވިޑް ނައްތާލުމުގެ ފެށުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ، މިއަދު މާލެ އަންނަ އެއާ އިންޑިއާގެ ފްލައިޓެއްގައި އަސްޓްރާޒެނީކާ ވެކްސިންގެ 100،000 ޑޯޒް ލިބޭނެ ކަމަށެވެ. އަދި މިއީ އިންޑިއާއިން ރާއްޖެއަށް ދޭ ހަދިޔާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އިންޑިއާއަކީ އަބަދުވެސް އެންމެ އަވަހަށް އެހތެރިކަން ފޯރުކޮށް ދޭ އަދި ބަރޯސާ ވެވޭނެ ގައުމެއް ކަމަށެވެ. އެގޮތުން، 2004 ވަނަ އަހަރުގެ ސުނާމީ، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ނިރުބަވެރި ހަމަލާ، ފެނުގެ ދަތިކަން އަދި ކޮރޯނާ ވައިރަސް ކަމަށް ވިޔަސް އިންޑިއާގެ އެހީތެރިކަން ލިބޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަވަށްޓެރި އިންޑިއާގައި ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިން، ކޮވިޝީލްޑް ލިބޭ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 1 ލައްކަ ޑޯޒް ރާއްޖެއަށް ފޯރުކޮށް ދޭނެއެވެ. އިންޑިއާގެ ވެކްސިން ޝިޕްމަންޓް ރާއްޖެ އަންނާނީ މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 02:00 ގައެވެ.
އިންޑިއާއިން ރާއްޖެއަށް ފޮނުވާ ވެކްސިނަކީ ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ސިއްކައާއެކު ފޯރުކޮށްދޭ ވެކްސިން ޝިޕްމަންޓެއް ކަމަށާ، މިއީ ފްރަންޓްލައިން ވޯކަރުންނާއި، ސިއްހީ ހިދުމަތްތެރިންގެ އިތުރުން ސިއްހީ އެކި ބަލިތައް ތަހައްމަލު ކުރަމުން އަންނަ މީހުންނަށް ފޯރުކޮށްދޭ ވެކްސިން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށް ދެނީ އޮކްސްފޯޑްއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ