މެޑްރިޑް (މެއި 24) - ސްޕެނިޝް ލީގުގެ މި ސީޒަނުގައި ކުޅުނު ފަހު މެޗުތަކުން ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 4-2 އިން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދިއިރު، ވެލެންސިއާ ދަނޑުގައި އެ ޓީމު އަތުން ލީގު ޗެމްޕިއަން، ބާސެލޯނާ 3-1 އިން ބަލިވެއްޖެ އެވެ.
ބާސެލޯނާ އިން ލީގު ނިންމާލީ ފަހު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، 38 މެޗުން 94 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ފަހު ތިން މެޗުން މޮޅެއް ލިބުނުއިރު، އެ ޓީމަށް 38 މެޗުން ހަަމަކުރެވުނީ 86 ޕޮއިންޓެވެ.
ލީގުގެ ނުވަ ވަނައިގައި ނިންމި ވެލެންސިއާ އިން ވަނީ ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ކުރިހޯދިއިރު، މުހިންމު ވަގުތުގައި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ، މޮޅު ކުޅުމަކާ އެކު، މެޗުން ކާމިޔާބު ހޯދައިފަ އެވެ. އެ ގޮތުން، ރޭގެ މެޗުގެ ހުރިހާ ގޯލެއް ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.
ބާސެލޯނާ އިން ލީޑުނެގީ 61 ވަނަ މިނިޓްގައި، ވެލެންސިއާގެ ކުރީގެ ފޯވާޑް، ފެރަން ޓޮރޭސް ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. މި ސީޒަނަށް ފަހު،. ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ލެވަންޑޯސްކީ، ލީގުގެ ފަހު މެޗުގައި ވެސް މި ވަނީ ބާސެލޯނާ އަށް ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ލީޑުގައި މާ ގިނައިރު ބާސެލޯނާ އަށް އޮވެވޭ ގޮތެއްނުވީ، މެޗުގެ 66 ވަނަ މިނިޓްގައި ވެލެންސިއާ އިން ލަނޑު ޖަހައި އެއްވަރުކުރުމުންނެވެ. އެ ގޮތުން، ޖަވީ ގޭރާ ވަނީ ވެލެންސިއާ އަށް އެއްވަރުކޮށްދިން ލަނޑު ޖަހައިފަ އެވެ. އެއްވަރުކުރިތާ ހަ މިނިޓް ފަހުން، ވެލެންސިއާ އިން މެޗުގެ 71 ވަނަ މިނިޓްގައި ލީޑުނެގީ، ލުއިސް ރިއޯޖާ ޖެހި ގޯލުންނެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ވެެލެންސިއާގެ ތިން ވަނަ ލަނޑު ޖެހީ ގީޑޯ ރޮޑްރިގޭޒް އެވެ.
ރެއާލުން ރޭ ލީޑުނެގީ 12 ވަނަ މިނިޓްގައި ޑެނީ ކާވަހާލް ދިން ބޯޅައަކުން ގޮންޒާލޯ ގާސިއާ ޖެހި ގޯލުންނެވެ. މިއީ، 23 އަހަރު ރެއާލްގައި ހޭދަކުރި ކާވަހާލް އެ ޓީމަށް ކުޅެދިން ފަހު މެޗެވެ. މެޗުގެ 41 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް، ރެއާލްގެ ލީޑުފުޅާކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިލްބާއޯގެ ގޯކާ ގުރުޒެޓާ ވަނީ ލަނޑު ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ރެއާލުން ލަނޑެއް ޖަހައި، އަނެއްކާ ދެ ގޯލުގެ ލީޑެއް ނެގި އެވެ. މިއީ، އަލްވާރޯ ކަރޭރާސް ދިން ބޯޅައަކުން ކީލިއަން އެމްބާޕޭ ޖެހި ގޯލެކެވެ. މެޗުގެ 88 ވަނަ މިނިޓްގައި ތިއާގޯ ޕިޓާޗް ދިން ބޯޅައަކުން ބްރަހިމް ޑިއާޒް، ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހި ފަހުން، އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އާކޯ އިޒޭޓާ ވަނީ ބިލްބާއޯގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
ލީގު ފަހު މެޗުން ރެއާލް މޮޅުވިއިރު، ބާސެލޯނާ އަށް ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ