ވިޔަފާރިތަކުން ވަޒީފާ ދިންވަރު ވީ އިތުރު؛ ސިނާއަތްތަކަށް ހަނގުރާމައިގެ ހިޔަނި

މަރުކަޒީ ބޭންކް، އެމްއެމްއޭން ކޮންމެ ކުއާޓަރަކު ވިޔަފާރިތަކުގެ މެދުގައި ކުރާ ކުއާޓަލީ ބިޒްނަސް ސާވޭގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފައިވާއިރު، ބޮޑެތި 97 ވިޔަފާރިއަކުން އެ ސާވޭގައި ބައިވެރިވީއިރު އިމާރާތްކުރުމުގެ ދާއިރާ ފިޔަވާ އެހެން ސިނާއަތްތަކުގެ ވިޔަފާރިތަކުން ވަނީ އެ މީހުންގެ ވިޔަފާރި ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން ސާވޭގައި ބައިވެރިވި ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުން ވެސް ވަނީ އެ ވިޔަފާރިތަކުން ވަޒީފާ ދީފައިވާ މިންވަރު އިތުރުވެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ. 
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ފުރަތަމަ ކުއާޓަރުގައި ކުރިއަރާފައިވީ ނަމަވެސް އެ ވިޔަފާރިތަކަށް ކުރިއެރުން އައިސްފައިވާ ދުވެލި ވަނީ މަޑުޖެހިފަ އެވެ. އެގޮތުން:
ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަން ނިމުމަކަށް އައުމާ އެކު، 2026ގެ ދެވަނަ ކުއާޓަރާމެދު މި ދާއިރާގެ ވިޔަފާރިތަކުން ކުރާ އުންމީދުތައް ވަނީ ދަށްވެފައި
އީރާނުގެ ހަނގުރާމައިގެ ސަބަބުން ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ އާމްދަނީއަށާއި ބުކިންގްސްއަށް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް %94 ވިޔަފާރިތަކުން ބުނެފައިވޭ
އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތައް ފުރަތަމަ ކުއާޓަރުގައި ދަށަށް ގޮސްފައިވާކަން ސާވޭ ރިޕޯޓުން ފާހަގަވެ އެވެ. އެގޮތުން: 
މި ހިނގާ ދެވަނަ ކުއާޓަރުގައި ވެސް މި ސިނާއަތުގެ ވިޔަފާރިތައް ދަށަށްދާނެކަމަށް ލަފާކުރޭ
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މުދާ ގެނައުމަށް ދިމާވި ދަތިތަކުގެ އަސަރު މި ދާއިރާގެ %61 ވިޔަފާރިއަކަށް ވަރަށް ބޮޑަށް ކޮށްފައިވޭ
މި ދާއިރާގެ ވިޔަފާރިތައް ފުރަތަމަ ކުއާޓަރުގައި ފުޅާވެފައިވެ އެވެ. އެގޮތުން: 
ވިއްކާ މުދަލުގެ އަގު ނުވަތަ 'ކޮސްޓް އޮފް ސޭލްސް' އަދި އެވްރެޖްކޮށް މުދާ ވިއްކި އަގު ފުރަތަމަ ކުއާޓަރުގައި ވަނީ މައްޗަށް ގޮސްފައި
މި ކުއާޓަރުގައި ވިޔަފާރީގެ ހާލަތު ދަށްވާނެކަމަށް މި ދާއިރާގެ ވިޔަފާރިތަކުން ލަފާކުރޭ
މި ދާއިރާގެ ވިޔަފާރިތައް ވަނީ ވިދިވިދިގެން ތިންވަނަ ކުއާޓަރުގައި ވެސް ކުރިއަރާފަ އެވެ. އެގޮތުން: 
އެހެން ދާއިރާތަކެކޭ އެއްފަދައިން މި ކުއާޓަރާމެދު ކުރާ އުންމީދުތައް ވަނީ ދަށްވެފައި
ހޮރުމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މި ދާއިރާގެ %81 ވިޔަފާރިއަކަށް ވަރަށް ބޮޑަށް ނުރަނގަޅު އަސަރުކޮށްފައިވޭ
ސާވޭ ހިންގި ހުރިހާ ދާއިރާއެއްގައި ވެސް ފުރަތަމަ ކުއާޓަރުގައި އިންޕުޓް ޕްރައިސް ނުވަތަ މުދާ އުފެއްދުމަށް ނުވަތަ ހިދުމަތް ދިނުމަށްދާ ހަރަދު އަދި އެވްރެޖްކޮށް މުދާ ވިއްކާ އަގު ވަނީ މައްޗަށް ގޮސްފަ އެވެ. މި ކުއާޓަރަށް ބަލާއިރު ވެސް ޓޫރިޒަމާއި ހޯލްސޭލް އަދި ރީޓެއިލް ދާއިރާގެ އިންޕުޓް ޕްރައިސް މައްޗަށް ދާނެކަމަށް ލަފާކުރެވޭއިރު އެ މައްޗަށްދާ މިންވަރު މަޑުޖެހޭނެކަމަށް ލަފާކުރެވެ އެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ލޯނު ނުވަތަ ކްރެޑިޓް ހޯދުމަށް ފުރަތަމަ ކުއާޓަރުގައި ވަނީ ދަތިވެފަ އެވެ. ޓޫރިޒަމްގެ ދާއިރާއަށް ކްރެޑިޓް ހޯދަން ފަސޭހަވި ނަމަވެސް، އެ ފަސޭހަވި މިންވަރު ވަނީ މަޑުޖެހިފަ އެވެ. މި ކުއާޓަރުގައި ހުރިހާ ދާއިރާއަކުން ވެސް ލޯނު ހޯދަން ދަތިވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ