މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި

ސެލޫނެއް ތެރޭ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް، އިއްޔެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ވީ ކިހިނެއް؟ - މާލޭގައި ހުންނަ ސެލޫނެއް ތެރޭ މި މާރާމާރީ ހިންގާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ހަމަ އެ ދުވަހު ހައްޔަރުކޮށް، އިއްޔެ ކްރިމިނަލް ކޯޓުން ފަސް ދުވަސް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ. މި މައްސަލައިގައި ހައްޔަރުކުރީ ފުލުހެއްކަން ފުލުހުންގެ މީޑިއާއިން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.
މައްސަލައިގައި ހައްޔަރު ކުރި މީހަކީ:
 އަލީ މަނިކު، 43، އަސަރީވިލާ/ސ. ހިތަދޫ 
ތަފްސީލު - ކޯޓު އަމުރުގައިވާ ގޮތުން އަލީ މަނިކު އަދި އޮތީ ހޮސްޕިޓަލުގަ އެވެ. އެހެންވެ އޭނާ ބަންދުގެ އަޑުއެހުމަށް ހާޒިރުނުކުރެވޭތީ، ހޮސްޕިޓަލުން ދޫކޮށްލުމާ އެކު 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް މައްސަލަ ބެއްލެވި ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ އަމުރުކުރައްވާފައިވެ އެވެ.
އަލީ މަނިކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ ހައްޔަރުގައި ހުއްޓާ ވެއްޓި އޭނާގެ ހަރަކާތްތައް ދަށްވުމުން ކަމަށް ވެސް އަމުރުގައި ބުންޏެވެ.
"މީނާއަކީ ގާނޫނު ތަންފީޒުކުރަމުންދާ ފަރާތެއް ކަމަށް އައިއޯ [ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރު] ފާހަގަކޮށްފައިވޭ. ހާދިސާ ރިޕޯޓަށް ބަލާއިރު، މީނާ މި އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ. އަދި މީނާ ހައްޔަރުކޮށްފައި ވަނީ ސީނުންކަން ވެސް އެނގޭ،" އަމުރުގައި ލިޔެފައިވެ އެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ:
އޭނާއަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވޭ
ފުލުހުން ކޯޓަށް ހުށަހެޅި ހާދިސާގެ ރިޕޯޓުގައި އެކަންކަން ފާހަގަކޮށްފައިވޭ
މި މައްސަލަ ފުލުހުންގެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވަނީ، އެ ސެލޫނަށް އަލީ މަނިކު ވަދެ، ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އަދި އެ ތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގެ ގޮތުގަ އެވެ.
ފުލުހުންގެ ބަސް - ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ އަލީ މަނިކަކީ ފުލުހެއް ކަމަށާއި މި މައްސަލައިގައި އޭނާ ހައްޔަރުކުރުމާ ގުޅިގެން އިއްޔެއިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
"އޭނާ ވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ދަނީ ތަހުގީގު ކުރަމުން އަދި އެ މައްސަލައާ ގުޅިގެން އިދާރީ ގޮތުން އޭނާއާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ކުރަމުން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ