ޖާބިރުގެ ތާއީދު ރައީސް މުއިއްޒަށް، ވިދާޅުވީ މަޝްރޫއުތައް މިހާރު ކުރިއަށްދާ ދުވެލި ރަނގަޅު ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން މިރޭ ހާމަކުރައްވައިފިއެވެ. މިވަގުތު ސިޔާސީ ދާއިރާގައި ދުރުގައި ހުންނެވި ޖާބިރު، ރައީސް މުއިއްޒަށް ތާއީދުކުރައްވައި، ހުކުރު ދުވަހުގެ ރޭ އޮންނަ ޕީއެންސީގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ޕީއެންސީ ހަރުގެ ކުރިމަތީ ހުންނަވައި ޖާބިރު ވިދާޅުވީ، މި ސަރުކާރުން ރާއްޖެ ތަރައްގީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ގާތުން ބައްލަވާ ކަމަށާއި، މަޝްރޫއުތައް މިހާރު ކުރިއަށްދާ ދުވެލީގައި ރައީސްގެ ތަރައްގީގެ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމަށެވެ. "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެމަނިކުފާނުގެ މުރާލިކަމާއި ހީވާގިކަމާއެކު ހުއްޓުމެއްނެތި އެއްވާނެއްގައި މުޅި ރާއްޖެ ތަރައްގީކުރާ މަސައްކަތް އަޅުގަނޑު ގާތުން ބަލަމުން މި ދަނީ،" އޭނާ ވިދާޅުވިއެވެ. https://x.com/ibrahimabaann/status/1988636346752073913 ޖާބިރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާން ކައިރިވެފައި އޮއްވައި ނަގައި ކޮޅަށް ޖެހުމަށް ރައީސް އެ ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ކާށިދޫ ދާއިރާގެ މެންބަރުކަން ދެ ފަހަރެއް މަތިން ކުރެއްވި ޖާބިރު އެންމެ ފަހުން ހުންނެވީ އިދިކޮޅު އެމްޑީޕީގައެވެ. ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޖާބިރު އިންތިޚާބުވީ އަމިއްލަ މެންބަރެއްގެ ގޮތުގައި، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް އޭނާ އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމަށް ފަހު ނާކާމިޔާބުވުމުން އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހުއެވެ. https://sun.mv/188346 އެފަހުން ޖާބިރު ވަނީ ޖޫން 25، 2023 ގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ޖާބިރު އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި މުޖުތަމައުގެ އާންމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރެއްވި ކަމަށް ބުނެ، އެމްޑީޕީން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގައެވެ. އޭރު އޭނާއަށް ކާށިދޫ ދާއިރާގެ މެންބަރުކަމުގެ ޓިކެޓުވެސް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ ކުރިން ޖާބިރު ހުންނެވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީގެ ލީޑަރެއްގެ ގޮތުގައެވެ. ނަމަވެސް އެ ޕާޓީގެ މެންބަރުން ހަމަނުވާތީ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމުމުން އޭނާ ގްރީން ޕާޓީގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވަން ވެސް މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު، ޖޫން 5، 2023ގައި އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ