އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2025: ޓޭބަލްޓެނިހުގެ ދެވަނަ ބުރަށް ދީމާ ދަތުރުކޮށްފި

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލްޓެނިސް އަންހެން ސިންގަލްސްގެ ދެވަނަ ބުރަށް ރާއްޖޭގެ ތަރި ފާތިމަތު ދީމާ އަލީ ދަތުރުކޮށްފިއެވެ. ބެސްޓް އޮފް ސެވަންއަށް ކުޅުނު މި މެޗު ދީމާ ކާމިޔާބުކޮށްފައިވަނީ 4-2 ސެޓުގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓް ދީމާ ފަސޭހަކަމާއެކު 11-7 އިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓަށް އަޒަރުބައިޖާންގެ މިކެޔިލޯވާ ނިކުތީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ދެވަނަ ސެޓް މިކެޔިލޯވާ ކާމިޔާބުކުރީ 13-11ގެ ނަތީޖާއަކުންނެވެ. މެޗްގެ ތިންވަނަ ސެޓުގައިވެސް މިކެޔިލޯވާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، ދީމާވެސް ވަނީ އެންމެ ތަންކޮޅެއްވެސް ދޫނުދީ މިކެޔިލޯވާ ހިފަހައްޓާފައެވެ. ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ތިންވަނަ ސެޓު މިކެޔިލޯވާ ކާމިޔާބުކުރީ 11-9 ގެ ނަތީޖާއަކުންނެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2025 ގައި ރާއްޖޭގެ ތަރި ދީމާ-- ފޮޓޯ: އެމްއޯސީ ހަތަރުވަނަ ސެޓުގައި ދީމާގެ ފަރާތުން ވަރަށް ތަފާތު މޮޅު ކުޅުމެއް ފެނުނެވެ. އޭގެ ނަތީޖާއަކަށްވީ ހަތަރުވަނަ ސެޓް ފަސޭހަކަމާއެކު ދީމާ ކާމިޔާބުކުރުމެވެ. އެއީ 11-4 އިންނެވެ. މި ސެޓުގައި މިކެޔިލޯވާއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. ފަސްވަނަ ސެޓަށް ނިކުތްއިރު، ދެ ކުޅުންތެރިންވެސް ވަނީ ދެ ސެޓު ހޯދާފައެވެ. އެހެންކަމުން މެޗުގެ ފަސްވަނަ ސެޓުވީ ދެ ކުޅުންތެރިންނަށްވެސް ވަރަށް މުހިންމު ސެޓަކަށެވެ. މި ސެޓުގައި ދެ ކުޅުންތެރިންނަށްވެސް މާބޮޑު ލީޑެއް ނެގޭ ގޮތެއް ނުވިއެވެ. މެޗުގެ ފަސްވަނަ ސެޓް ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2025 ގައި ރާއްޖޭގެ ތަރި ދީމާ އާއި އޭނާގެ ކޯޗު-- ފޮޓޯ: އެމްއޯސީ މެޗުގެ ފަސްވަނަ ސެޓްގައި ދިމާގެ ފަރާތުން ވަރަށް ބޮޑަށް ލަސް ކުޅުމެއް ފެނިގެންދިއެވެ. މިކެޔިލޯވާ ކުޅުން އަވަސްކުރުމަށް މަސައްކަތް ކުރަމުންދިޔަ ވަރަކަށް ދިމާ ދިޔައީ މެޗް ލަސްކުރަން މަސައްކަތް ކުރަމުންނެވެ. އޭގެ ނަތީޖާ ވެސް ދީމާއާ އެއްކޮޅަށް ދިޔަތަން ފެނުނެވެ. މެޗު ފެށިގެން ދީމާ ދިޔައީ ލީޑްގައި އޮވެގެން ކުޅެމުންނެވެ. ފަސްވަނަ ސެޓު ދީމާ ކާމިޔާބުކޮށްފައިވަނީ 11-2 އިންނެވެ. މުބާރާތުގެ ދެވަނަ ބުރުގައި ދީމާ ކުޅޭ މެޗު ކުޅޭނީ ރާއްޖެގަޑިން މިއަދު 21:50 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ