އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް: މިއުވާން

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކަ ހިމަނާފައިނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ވައުދުވި ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ދެކޭ ގޮތެއް ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން ވީނިއުސްއާ ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަމަށެވެ.
އަދި ސަރުކާރުން ތަންފީޒުކުރަމުން މިއަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ ކަމަށާއި އެމެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން އެމްޑީޕީން ވައުދުވި ކަންތައް މިދަނީ ކުރަމުންކަން މިއުވާން ފާހަގަކުރެއްވިއެވެ.
މިއުވާން ވިދާޅުވީ މިއަހަރުގެ ކޮންގްރެސްގައިވެސް ނިޒާމީ ވޯޓަކަށް ދާކަށް އެއްބަސްވެފައެއް ނެތް ކަމަށާއި ނިޒާމީ ވޯޓާމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށްލީ އެކަމާ މެދު ވާހަކަ ދައްކަން އެއްބަސްވެގެން ކަމަށެވެ.
އެގޮތަަށް އެކަން ނިންމީ އެއް ގޮތަކަށްވެސް ވަކި ކަމަކަށް ނުވަތަ ވަކި ގޮތަކަށް ނިޒާމްގެ ވޯޓު ނަގަން އެއްބަސްވެގެން ނޫން ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
ތިނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމަށް 18 މަސް ދުވަހުގެ ތެރޭގައި ނިޒާމީ ވޯޓެއް ނެގުމަށް މީގެ ކުރިން އެއްބަސްވެފައިވާ ކަމަށެވެ.
އަދި ނިޒާމު ބަދަލުކުރަން ރައްޔިތުން ދެކޭ ގޮތެއް ހޯދުމަށްވީ ވައުދަކީ މުހިންމު ވައުދެއް ކަމަށާއި އެހެން ނަމަވެސް އެވައުދު ފުއްދިފައިނުވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ