ފޯޅަވަހި މައްސަލާގައި ޔާމީން ސަރުކާރަށް: އިގްތިސޯދީ ސަރަހައްދެއްގައި ސިޔާދަތީ ބާރު އޮންނާނީ ކިހާވަރަކަށްތޯ؟

އިގްތިސޯދީ ސަރަހައްދެއްގައި ސިޔާދަތީ ބާރު އޮންނާނީ ކިހާވަރަކަށްތޯ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ މިހާރު އެމަނިކުފާނު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އެއީ ފޯޅަވަހި މައްސަލާގައި ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭނެ އެއްވެސް ކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވާ ދެއްކެވި ވާހަކަފުޅެކެވެ.
ރައީސް ޔާމީން ވަނީ މިއަދަކީ ފޯޅަވަހީގައި މޮރިޝަސްގެ ދިދަ ރަސްމީކޮށް ނެގި ދުވަސްކަނަ ފާހަގަ ކުރައްވާ ރައީސް ސޯލިހު މިއޮއްހާ ދުވަހު އެ ކަމަށް ބަސްފުޅެއް ވިދާޅުނުވެ ރޭ ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެފައެވެ.
ފޯޅަވަހި މައްސަލާގައި ސަރުކާރުން ނިންމި ގޮތާ ގުޅިގެން އިދިކޮޅުން ހަދަނީ ދޮގުކަމަށް ރައީސް ސޯލިހު ވިދާޅުވި ނަމަވެސް މިހާރު ރައްޔިތުންނަށް ފާޅުކަން ބޮޑުގޮތެއްގައި ދޮގު ހަދާ މީހުންނާ، މަކަރު ހަދާ މީހުންނާ، ހަގީގަތުގެ ދެބައިކުޅައެއްބައި ބުނާ މީހުންނާ، އޮޅުވާލާ މީހުން ނޭނގި ނުހުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިމުގެ މައްސަލާގައި މޮރިޝަޝްއަށް ފޯޅަވައްސާ ބެހޭގޮތުން ފޮނުވި ސިޓީގައި ރާއްޖޭގެ ފުށުއަރާ އިމުގެ މައްސަލާގައި ސިޔާދަތީ އެއްވެސް ހައްގަކަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ ކަމެއް ނުކުރާ ކަމަށް ރައީސް ސޯލިހު ވިދާޅުވާ ކަަމަށާއި އެހެންނަމަވެސް ބޮޑު އިގްތިސޯދީ ސަރަހައްދުގެ ވާހަކައެއް ދައްކާއިރު ސިޔާދަތީ ބާރު އޮންނަނީ ކިހާވަރަކަށްތޯ ގާނޫނީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ދެން އެކަމަށް އިމްރާން ހެކިވާ ކަމަށާއި އިމްރާން ވިދާޅުވަނީ ރައީސް ސޯލިހު މިއަށްވުރެ ބޮޑު ތެދުފުޅެއް ނުހައްދަވާ ކަމަށެވެ.
ރައީސް ޔާމީން ވަނީ ރާއްޖެ އިސްލާމް ވީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ މުސްހަފްތަކަށް އިހާނެތްތެރިކޮށް ކަންތައް ކުރުމާ މިސްކިތްތަކުގެ ހުރުމަތް ކެނޑުމާ މިކަންކަން ކުރާ މީހުންނަކީ މޮޔައިން ކަމަށް ނިންމުމަކީ މި ސަރުކާރުގައި ދީނާ މެދު ކަންތައް ކުރާ ގޮތް ކަމަށް ވިދާޅުވެ ވެސް ފާޑުކިޔުން އަމާޒު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ