ލޯބިންގެ ޓައިޓަލް ލަވަ ރިޕީޓަށްލަމާ!
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"ގެ ދަށުން ނެރޭ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން..؟"ގެ ޓައިޓަލް ލަވަ "ލޯބިން" ރިލީޒްކޮށްފިއެވެ. މިއުޒިކް ވީޑިއޯއާއެކު ޕްރޮޑަކްޝަނުން އާންމުންނަށް ދޫކޮށްލި ޓައިޓަލް ލަވައަކީ ނަމާ އެއްގޮތަށް ލޯބީގެ ލަވައެކެވެ. ރޮކް ގިޓާ އިންސްޓްރުމެންޓަލް ހިމެނޭ ލޯބިން އަކީ އަޑު އަހާލަން ފަސޭހަ ދެ އަޑުން ގެނެސްދީފައިވާ ޑުއެޓް ލަވައެކެވެ. ލޯބިން ޓައިޓަލް ލަވަ ކިޔާފައިވަނީ ޝައްމޫން މުހައްމަދާއި އާއިޝަތު މާއިން ރަޝީދެވެ. އޯޑިއޯ އެކަނި އަޑު އަހާލަންވެސް މި ދެ މީހުންގެ އަޑު ރިޕީޓަށް ޖައްސާލަން ރަނގަޅެވެ. ލަވައިގެ މިއުޒިކް އާއި މެލޮޑީ ފުރިހަމަ ކޮށްފައިވަނީ ޝަހީދު ލެގަސީއެވެ. އަދި ލަވައިގެ ލިރިކްސް މަސައްކަތް ކޮށްފައިވަނީ އިއްލެއެވެ. ޓައިޓަލް ލަވައިގެ މިއުޒިކް ވީޑިއޯވެސް ބަލާލަން ހިތްގައިމެވެ. ނ. އަތޮޅު ކެނދިކުޅުދޫގެ ރީތި މަންޒަރުތައް ދައްކުވައިދޭ މި ލަވައިން ފެންނަނީ ފިލްމުގެ ލީޑު ތާތި އާދަމް އާއި އަހުމަދު އިފްނާޒް ފިރާގެވެ. އަންނަ މަހުގެ ހަވަނަ ދުވަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ވެސް ވަރަށް ތަފާތު ފިލްމަކަށް ވާނެކަން އާންމުކޮށްފައިވާ ޓްރެއިލަރުން އެނގިގެއެވެ. ލޯބީގެ ފިލްމެއްގެ ގޮތުގައި ޕްރޮމޯޓުކުރި ނަމަވެސް އިޖުތިމާއީ މައްސަލައެއް މައްޗަށް އަލިއަޅުވާލާނެ ފިލްމަކަށް ލޯބިން ވާނެކަން ކުރީން އާންމުކޮށްފައިވާ ޓްރެއިލަރުން އެނގެއެވެ. ތާތި އާއި އިފްނާޒްގެ އިތުރުން މި ފިލްމުގެ ކާސްޓުގައި ހިމެނެނީ ނުޒުހަތު ޝުއައިބާއި އަހްމަދު ޝާކިރާއި އަހުމަދު ޝާރިފެވެ. އަލަށް ނެރޭ ފިލްމުގައި އިއްލެއާ އެކު މަސައްކަތްކުރާނީ އިފްނާޒެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން، އިއްލެގެ އެންމެ ފުރަތަމަ ފިލްމު "ބަވަތި"ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާ އެކު އެސިސްޓަންޓު ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ. އިއްލެގެ ލޯބިންގެ މަސައްކަތް މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެއަށް ފަހު ފިލްމާ ގުޅޭ އާ މައުލޫމާތުތައް ދަނީ ހިއްސާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ