ރާއްޖޭގެ ޑީއައިޕީ އަދި ލަންކާގެ އެޗްއެންބީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި ރާއްޖޭގެ ޑީއައިޕީ އަދި ލަންކާގެ އެޗްއެންބީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އަދި ސްރީލަންކާގެ އެޗްއެންބީ އިންވެސްޓްމަންޓް ބޭންކް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ޑީއައިޕީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަބްދުލް ވާހިދު ތައުފީގް އެވެ. އަދި އެޗްއެންބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ ދަމިތު ޕައްލެވައްތެ އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތައުފީގު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓުކުރުމުގެ ފަހި ފުރުސަތުތައް ހޯދައިދެވި، ވިޔަފާރިތައް ކުރިއަރާނެ މަގު ތަނަވަސް ކޮށްދެވޭނެ ކަމަށެވެ.
ދަމިތު ވިދާޅުވީ އެ ބޭންކުން ޑީއައިޕީއާއެކު ކުރިއަށްދާން ނިންމީ ރާއްޖޭގައި އޮތް ފުރުސަތުތައް އެނގޭތީ ކަމަށވެ. އެގޮތުން ދެފަރާތަށް ވެސް ފައިދާވާ ގިނަ ކަންކަން ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލު އައުމަކީ ވެސް އުންމީދުކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީއައިޕީގެ އެމްޑީ އަހުމަދު ނަސީރު ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކުންފުނިތަކަށް ބޭރުގެ މާކެޓްތަކުން ފައިނޭންސް ލިބި، މާލީ ގޮތުން ބާރުވެރިވުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޑީއައިޕީ އަކީ ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ކުންފުނިތަކަށް ފަންޑް ރެއިޒް ކޮށްދިނުމާއި އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި ފައިނޭންސިއަލް އެޑްވައިޒަރީ މަސައްކަތް ކުރާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ