4000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހޯމަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިކަން އިއުލާނު ކުރައްވާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފްލެޓް ލިބޭކަން ކަށަވަރުކުރަމުންދާ މީހުންގެ ލިސްޓަށް ބިނާކޮށެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުގައި، ހެނދުނު 9:00 އިން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައެވެ. މި ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. ފްލެޓް ލިބޭ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި "ފަހި ޕޯޓަލް" މެދުވެރިކޮށް އަންގަމުން ގެންދާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކުއްޔަށްހިފާ ފަރާތާއި ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއާއި، ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީ، އަދި ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު ގެންދިއުމަށް ވަނީ އަންގަވާފައެވެ.
4000 ހައުސިންގ ޔުނިޓް ހަވާލުކުރެވެނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ނެރުނު ލިސްޓުގައިވާ މަޢުލޫމާތު އަލުން ވެރިފައިކޮށް، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޚާއްސަ ކޮމިޓީން ބެލުމަށްފަހު، ޝަރުތު ހަމަވާކަން ކަށަވަރުކުރެވިފައިވާ ފަރާތްތަކަށެވެ. ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު، އެ ޝަކުވާތައް ބަލައި، ފްލެޓް ލިބޭ ދާއިމީ ލިސްޓު އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ފްލެޓް ލިބޭ މީހުން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހޯމަދުވަހު ފެށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ