މަގުބޫލު ލިޔުންތައް ގެއްލިގެން ހޯދަމުން ދިޔަ މީހާ ހޯދުމަށް ފުލުހުންނާ އެކު އޭނާ މަސައްކަތް ކޮށްފި! ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުވައްމުލަކު މީހަކު ހޯދަނީ ވިލިނގިލީ ކައުންސިލް އިދާރާގެ ދޮރުމަތީގައި އަންހެނަކު ގޮދަޑިއަޅައިގެން އިހުތިޖާޖު

މީޑިއާތައް ‘ކޮންޓްރޯލް ކުރާ’ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާއިރު، އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުންނަށް އަންގަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް ނޫން ކަަމަށެވެ. އަދި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމުގައި ވެސް އެ މަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް ބާއްވަން ބޭނުންފުޅު ނުވާތީ އެ ބައިތައް އިސްލާހު ކުރަން ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ އެކު ބޭއްވި ޖަލްސާގައި މީޑިއާ ކޮމިޝަންގެ ބިލާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެ ބިލް އެކުލަވައިލަން ބޭނުންފުޅު ނުވާ ކަމަށެވެ.
މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް މަޖިލިހަށް ހުށަހެޅުއްވެވީ ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނެވެ. އެ ބިލަށް މީގެ ކުރިން ސަރުކާރުން ވެސް ވަނީ ތާއިދުކޮށްފައެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށްވުމުން އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް ކޮމިޝަންގެ ރައީސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ބިލް އިސްލާހު ކުރާ މަރުހަލާއަކަށް ގޮސްފިނަމަ، ކޮމިޝަނުގެ ރައީސަކަށް ވާންޖެހޭނީ އެކޮމިޝަންގެ މެންބަރުންގެ ވޯޓު ލައިގެން ހޮވާ މީހެއް ކަމަށް ބަދަލުކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާ ހިސާބަށް ހިނގައްޖެ ނަމަ، ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް މިހާރު ދަންނަވާފައި ވާނީ ކޮމިޝަނަށް އައްޔަންކުރާ ހަތް މެމްބަރުންގެ ތެރެއިން ބޭފުޅަކު އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސާ ގޮތަށް ބިލް އިސްލާހު ކުރުމަށް ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ މީޑިއާއަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން ބޭނުމެއް ނުވާ ކަމަށާއި މީޑިއާ ވާންޖެހޭނީ މިނިވަންކަމާ އެކީ މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.
މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ