ގައުމީ ޓީމަށްދޭ އެލަވަންސް ލަސްވުމަކީ ބޮޑު ސުވާލެއް: ފައިސަލް

އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމީ ކުޅުންތެރިންގެ މުސާރަ (އެލަވަންސް) ދޭން ޖެހޭ މުއްދަތަށް ވުރެން ފަސްވުން ކަމަށާއި އެކަން އެގޮތަށް ދިމާވާ ސަބަބަކީ އުފެދޭ ވަރަށް ބޮޑު ސުވާލެއް ކަމަށް ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފި އެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެއީ އެލަވަންސެއް ކަމަށާއި، އެ ފައިސާ މިވަގުތު ނުދެވެނީ ޕްރެކްޓިސްތައް ނޯންނާތީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
މިނިސްޓަރު މަހުލޫފް އަންނަނީ ކުޅިވަރު ގައުމީ ޓީމުތަކާ އެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުރި ދަތިތަކާ މެދު މަޝްވަރާކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ކުޅުންތެރިންގެ އެލަވަންސް (މުސާރަ) ކަންތައްތަކާ ބެހޭގޮތުން ގޮތްތަކެއް ހަދައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު ދިމާވެފައި ހާލަތުގައި ކޮންމެ ކަމެއް ކުރުމުގައި ވެސް ދަތި ކަންތައްތަކެއް ހުންނާނެކަން ހުރިހާ ކުޅުންތެރިން ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުގެ ވައުދެއްގެ ގޮތުގައި އެއްވެސް ކުޅިވަރެއް ތަފާތު ކުރުމެއް ނެތި ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް މަހަކު 5000 ރުފިޔާ ދެ އެވެ. އެ ފައިސާ ދެނީ ކޮންމެ އެސޯސިއޭޝަނަކުން ގައުމީ ޓީމުތަކުގެ ލިސްޓުތަކާއި އެހެނިހެން މައުލޫމާތު ފޮނުވުމުންނެވެ. މީގެ ކުރިން ބައެއް އެސޯސިއޭޝަންތަކުން މަހުން މަހަށް ލިޔެކިއުންތައް ފޮނުވުމުގެ ބަދަލުގައި ތިން މަހުން ވެސް ފޮނުވާފައިވެ އެވެ. ފަހުން މިނިސްޓްރީން ވަނީ އެ ގޮތަށް ގަޑުކޮށް ފޮނުވުމުގެ ބަދަލުގައި މަހުން މަހަށް ލިޔެކިއުންތައް ފޮނުވަން އަންގައިފަ އެވެ.
އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ފައިސަލް ބުނީ މުސާރައިގެ މައްސަލަ މިހެން އޮތުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.
"ތިން މަސް ހަތަރު މަސް ވެގެންދާއިރު ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެދޭން ޖެހޭ 5000 ރުފިޔާ ވެސް އެ ނުދެވިގެން އުޅެނީ ކީއްވެތޯ އަޅުގަނޑުގެ އެންމެ ބޮޑު ސުވާލަކީ. އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް ބޮޑު މައްސަލައެއް،" 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ބުންޏެވެ.
"ކުރިން މިނިސްޓަރު އަލީ ވަހީދު ވެސް ބުނުއްވި ހަމަ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ޖަމާވާ ދުވަސްވަރުގައި ހަމަ ޖަމާކޮށްދޭނަމޭ. ތިން މަސް ހަތަރު މަސް ވެގެންދާއިރު ޖަމާނުވާއިރު، ޖަމާކޮށްދެނީ އެއް މަހުގެ މުސާރަ."
މީގެ ކުރިން ގައުމީ ޓީމު ޕްރެކްޓިސް ނުކުރާ މަސްތަކުގައި އެލަވަންސް ލިބިފައި އެބަހުއްޓެވެ. ކޮވިޑް-19ގެ މި އުނދަގޫ ވަގުތުގައި ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް ވަނީ މާލީ ގޮތުން ބޮޑު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ފުޓްބޯޅަ ސީޒަން ވެސް ހުއްޓާލާފައި އޮތުމުން އާމްދަނީ އެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ހަމައެކަނި ކުޅިވަރުން އާމްދަނީ އަކަށް ބަރޯސާވެގެން ތިބޭ ގައުމީ ޓީމުގެ ކުޅުންތެރިން މި ވަގުތު ތިބީ އުނދަގޫ ފައްތަރެއްގައި ކަމަށް ފައިސަލް ބުންޏެވެ.
"އަނެއްކާ މި ދަތި ހާލުގައި ވަރަށް ގިނަ ޕްލޭޔަރުން މާލޭގައި ލޮކްޑައުން ވެގެން އެ ތިބީ. އަބިދަރިން ގޮވައިގެން އެޕާޓްމަންޓަށް ކުއްޔެއް ދެއްކެނީއެއް ނޫން. ކްލަބް ޕްރެކްޓިހެއް ކުރަނީއެއް ނޫން. މުސާރައެއް ލިބޭނެ ގޮތެއް ނެތް. އެންމެ ކުޑަމިނުން ގައުމީ ޓީމުން ލިބެންޖެހޭ އެއްޗެއް ވެސް ޖަމާނުކޮށްދޭ މައްސަލަ އަޅުގަނޑަށް އެންމެ ބޮޑީ،" ފައިސަލް ބުންޏެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންގެ މި އެލަވަންސް ކަންކަމުގައި ކުޅުންތެރިންނަށް ޔޫތު މިނިސްޓްރީ މެދުވެރިކޮށް ހުރިހާ ކަމެއް ސާފުވެފައި އޮތުން ވަރަށް މުހިއްމު ކަމަށް ފައިސަލް ދެކެ އެވެ. ކުޅުންތެރިންގެ އެލަވަންސް ލަސްވާތީ އެހެން ކުޅިވަރުތަކުގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގައުމީ ޓީމުތަކަށް މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ސްޕޯޓްސް މިނިސްޓްރީން މައުލޫމާތު ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ