ޖަލްސާތައް ނުބާއްވާ ސަބަބެއް މަޖިލީހުގެ އިދާރާ އިން ނުބުނި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ސަބަބެއް މަޖިލީހުގެ އިދާރާ އިން ނުބުންޏެވެ.މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާތައް ބާއްވަން ޖެހެ އެވެ. އެކަމަކު މި ހަފުތާގައި ޖަލްސާއެއް ބޭއްވީ ހޯމަ ދުވަހު އެކަންޏެވެ.މަޖިލިސް އިދާރާގެ އަމީން އާއްމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ ސަބަބެއް ދަންނަވަން ނޭނގޭ ކަމަށެވެ. އަދި އަންނަ ހަފުތާގައި ޖަލްސާތައް ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."އަޅުގަނޑަކަށް އެއްޗެއް ދަންނަވާކަށް ނޭނގޭ. މަޖިލީހުގެ ރިއާސަތުން އެ ކަންކަން ނިންމަވާނީ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވި ގޮތުގައި އަންނަ ހަފުތާގައި މަޖިލީހުގެ ޖަލްސާއެއް އޮންނަކަން މާދަމާ އެނގިގެންދާނެ އެވެ. އަދި ޖަލްސާތައް ނުބާއްވާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ."އަންނަ ހަފުތާގައި ޖަލްސާއެއް ބާއްވާނަމަ، ބުރާސްފަތި ދުވަހު (މާދަމާ) އަންގާނެ. އެޖެންޑާ ވެސް ހާމަ ކުރާނެ. ޖަލްސާ ނުބާއްވާ ސަބަބު އެނގޭނީ އިދާރާ އަށް،" މެންބަރަކު ވިދާޅުވި އެވެ.މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ސ. ފޭދޫ ކަރަންކާ ވިލާ އަހުމަދު އަމީން އައްޔަން ކުރުމަށް އޭނާގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމާއި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު
އަޅަން ގޮވާލުމާއި ހިތްވަރު ދިނުން މަނާކުރާ ބިލު އިތުރަށް ދިރާސާކުރަން
ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވަން ވެސް އެދުވަހު ފާސްކުރި އެވެ. އަދި 7 ބިލެއްގެ ފުރަތަމަ ކިޔުން ވެސް އިއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ