އިންޑިއާ އިން ރާއްޖެ އަށް ދެ ވަނަ ހެލިކޮޕްޓަރު ދީފި

އަސްކަރިއްޔާގެ ބޭނުންތަކަށް އިންޑިއާ އިން ރާއްޖެ އަށް ދެ ވަނަ ހެލިކޮޕްޓަރެއް ހަދިޔާކޮށްފި އެވެ.އިންޑިއާގެ ކޮޗިންގައި ހުންނަ ސަދަން ނޭވަލް ކޮމާންޑްގައި މިއަދު އޮތް ރަސްމިއްޔާތުގައި މިހެލިކޮޕްޓަރާ ރަމްޒީ ގޮތުން ހަވާލުވެވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. އިންޑިއާގެ ފަރާތުން ހެލިކޮޕްޓަރު ހަވާލުކޮށްދެއްވީ ސަދަން ނޭވަލް ކޮމާންޑްގެ ފްލެގް އޮފިސާ، ކޮމާންޑިން ޗީފް ވައިސް އެޑްމިރަލް ސަތިޝް ސޯނީ އެވެ.މި ހެލިކޮޕްޓަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ "ދުރޫވް" މަރުކާގެ އެޑްވާންސް ލައިޓް ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓަރު އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.ނާޒިމްގެ މި ދަތުރުފުޅުގައި ބައެއް ނޭވަލް ސްކޫލަތަކަށް ވަނީ ޒިޔާރަތްކުރައްވާފަ އެވެ. މި ގޮތުން ނެވިގޭޝަން އެންޑް ޑައިރެކްޝަން ސްކޫލާއި، އެންޓި ސަބްމެރިން ސްކޫލާއި، ވޯފެއާ ސްކޫލް އަދި ސިގްނަލް ސްކޫލަށް ވަނީ ވަޑައިގެންފަ އެވެ.އިންޑިއާއިން ދިވެހި ރާއްޖެއަށް މިއަދު ހެލިކޮޕްޓަރެއް ހަދިޔާކުރި އިރު، މިއީ ރިޔާސީ އައު ދައުރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ގައުމީ ދިފާއީ ބާރުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އިންޑިއާ އިން ވަނީ ދެ ހެލިކޮޕްޓަރު ދިނުމަށް އެއްބަސްވެފަ އެވެ. އޭގެ ތެރެއިން 2010 ވަނަ އަހަރު ރާއްޖެއާ ހަވާލުކުރި ހެލިކޮޕްޓަރު އަންނަނީ އެމްއެންޑީއެފްގައި ބޭނުންކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ