ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ބިލަބޮންގުގެ ޕްރީ ސްކޫލުތައް ހުޅުވާލަނީ

ކިޔެވުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރީ ސްކޫލުތަކުން ޖާގަ ދޭން ނިންމައިފި އެވެ.
އެ ސްކޫލުތައް ހިންގާ އައިލެންޑާސް ގުރޫޕްގެ ޑިރެކްޓާ އެޑިއުކޭޝަން ޖުވޭރިޔާ އިބްރާހިމް މިއަދު ވިދާޅުވީ، ހާއްސަ ތައުލީމު ބޭނުންވާ ދަރިވަރުން، ސްކޫލުގެ އެހެން ދަރިވަރުންނާ އެކު ކިޔެވުމުގެ ފުރުސަތު ދިން ނަމަވެސް އެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ކުއްޖަކަށް އެހީތެރިވުމަށް ހާއްސަ ތައުލީމަށް ތަމްރީނުވެފައިވާ މީހަކު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކުދިންނަށް ކިޔަވައިދިނުމާއި ފިލާވަޅުތައް ނަގައިދޭނީ އެ ކުދިންގެ ހަރަކާތްތެރިކަން ހުރި މިންވަރަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖުވޭރިޔާ ވިދާޅުވި ގޮތުގައި އުމުރުން 3- 6 އަހަރުގެ ކުދިންނަށް ޕްރީ ސްކޫލުގެ އެހެން ދަރިވަރުންނާ އެކު ކިޔެވުމުގެ ފުރުސަތު ދޭން ނިންމީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ޅައުމުރުގައި އިތުރު ސަމާލު ކަމަކާ އެކު ކިޔަވައިދޭން ފަށައިފި ނަމަ މަތީ ގްރޭޑްތަކުގައި އެ ކުދިންނަށް ކިޔަވަން ފަސޭހަވާނެތީ އެވެ.
އޭނާ ވިދާޅުވީ އެ ސްކޫލުން ޖާގަ ދިނުމަށް ނިންމާފައިވަނީ ކްލާހުގައި އެކްޓިވް ހައިޕާ ކުދިންނާއި މާ މަޑުމަޑުން ތިބޭ ކުދިންނާއި ޑައުންސިންޑްރޯމް އަދި އޯޓިޒަމްގެ ވެސް އެންމެ ހައިރޭންޖުގައި ނުހިމެނޭ ކުދިންނަށް ކަމަށެވެ.
ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބިލަބޮންގްގެ ކެންގަރޫ ކިޑްސްގެ ސްކޫލުތަކަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ބިލަބޮންގް ސްކޫލުގެ ކެންގަރޫ ކިޑްސްގެ އިތުރު ޕްރީ ސްކޫލެއް، އިސްކަންދަރު ސްކޫލު ކައިރީގައި ވެސް މިހާރު ވަނީ އަލަށް ހުޅުވައިފަ އެވެ.
ޖުވޭރިޔާ ވިދާޅުވީ އެވިންސް ފިހާރަ ހުންނަ އިމާރާތުގައި ޕްރީ ސްކޫލެއް ހުޅުވުމަށް ނިންމީ އެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކު އެކަމަށް އެދިގެން ކަމަށެވެ. އަލަށް ހުޅުވި އެ ސްކޫލުގައި ވެސް ބޭބީ ނާސަރީން ފެށިގެން ސީނިއާ ކިންޑަގާޑަންއާ ހަމައަށް ކިޔަވައި ދިނުމަށް ވަނީ ނިންމައިފަ އެވެ.
"ކެންގަރޫ ކިޑްސްގެ ޕްރީ ސްކޫލެއް ހުންނާނެ ބިލަބޮންގް ސްކޫލުގައި ވެސް އަދި ހެންވޭރުގައި ވެސް. ނަމަވެސް އެހެން ސަރަހައްދެއްގައި ކެންގަރޫ ކިޑްސްގެ ސްކޫލެއް ނެތުމުން ގިނަބަޔަކު އެކަމާ ޝަކުވާ ކުރޭ. އެހެންވެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން އާ ސްކޫލެއް ގަލޮޅުގައި ހުޅުވީ." ޖުވޭރިއާ ވިދާޅުވި އެވެ.
އަލަށް ހުޅުވި އެ ޕްރީ ސްކޫލަށް ވެސް ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ