ވާދަވެރި އިންތިހާބެއްގައި ވާދަކޮށްގެން ރައީސް ނަޝީދާއި ތަސްމީންގެ މައްޗަށް ކުރި ހޯދޭނެ ކަމަށް ޤަބޫލްކުރެވޭ: ޔާމީން

14:30ވާދަވެރި އިންތިހާބެއްގައި ވާދަކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީގެ މައްޗަށް ކުރި ހޯއްދެވޭނެ ކަމަށް ޤަބޫލްކުރައްވާ ކަމަށް ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.ޔާމީން މިހެން ވިދާޅުވީ ވީޓީވީން ގެނެސްދޭ ހޫނުގޮނޑި މި ޕްރޮހްރާމްގައި މެހެމޭނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެ ޕްރޮގްރާމްގައި "އާއެކޭ" ނުވަތަ "ނޫނެކޭ" ބުނުމަށް އޮންނަ ސެގްމަންޓުގައި ޕްރެޒެންޓަރ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް ޑީއާރުޕީން ކާމިޔާބުކުރަން ބޭނުންވާނަމަ ޕާޓީގެ ލީޑަރ ޝިޕަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ޤާބޫލް ކުރައްވާ ކަމަށެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ޤައުމު ހިންގޭ ވަރުގެ ލީޑަރެއް ކަމަށް ޤަބޫލް ނުކުރައްވާ ކަމަށާއި މި ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަސް ވައުދު ހާސިލްކޮށްދެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.ޔާމީންއަކީ 2013 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެކަން އިޢުލާންކުރައްވާފައިވާ ބޭފުޅެއްކަން ފާހަކޮށް، ހޫނުގޮނޑި މިޕްރޮގްރާމްގެ އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކާމިޔާބު ލިބިވަޑައިގެން ވެރިކަން ލިބިވަޑައިގެންފިނަމަ، ރާއްޖޭގައި މިހާރު މިއޮތް ހާލާތަށް ބައްލަވައި، ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ރަނގަޅު މަގަށް ބަދަލުކުރައްވާނެ ކަމަށެވެ.ޔާމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިޢުލާންކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ސިޔާސީ ހަޔާތްފުޅު ނިންމާލައްވާނެކަން ކުރިން އެނގިވަޑައިގެން ނޫން ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވީ ރައީސް މައުމޫން ދެން ކުރިމަތިނުލައްވާނެ ކަމަށް ޤަބޫލްކުރެއްވޭތީ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.ޕްރައިމަރީއަކުން ޑީއާރުޕީގެ ރިޔާސީ ކެނޑިޑޭޓަކު ހޮވާގޮތަށް އެޕާޓީގެ އަސާސީގަވާއިދަށް ބަދަލުގެނައުމަށް ކުރެވުނު މަސައްކަތުގައި ޔާމީންގެ އަތެއް ވާކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތުކުރަމުންދިޔަ ކަމަށް ޕްރެޒެންޓަރ ދެންނެވުމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ހިޔާލަކަށް މީހަކު އަހައިފިނަމަ ޕްރައިމަރީއެއް ބާއްވަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެގޮތަށް ދެކެވަޑައިގަތީ ޑީއާރުޕީގެ ލީޑަރޝިޕަށް ވަޑައިގަންނަވާ ބޭފުޅަކީވެސް އަދި އެޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާ ބޭފުޅަކީވެސް ވާދަވެރި އިންތިހާބެއްގައި އެބޭފުޅެއްގެ މަސައްކަތްތައް ރައްޔިތުންނަށް ޤަބޫލްކުރެވޭ ފަދަ މަސައްކަތްތަކަށްވެފައި އަދި ރައްޔިތުން ޤަބޫލްކުރާ ފަދަ ތާއީދެއް އޮންނަ ބޭފުޅަކަށް ވާންޖެހޭނެތީ ކަމަށެވެ. އަދި އެކަންތައްތައް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ކުރިއަށްދާނެ ކަމަށް ދެކެވަޑައިގެންނެވި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ