އެދުރުހިޔާގެ ފްލެޓާ ގުޅިގެން 15 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވޭ: އެޑިއުކޭޝަން މިނިސްޓްރީ

ޓީޗަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަޅާފައިވާ އެދުރުހިޔާއިން ފުލެޓް ދޫކުރުމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން 15 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބް އިބްރާހިމް އިސްމާއީލް ވިދާޅުވީ ފްލެޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ އިއްޔެގެ ނިޔަލަށް ކަމަށާއި އިއްޔެ ރަސްމީ ގަޑި ނިމުނުއިރު 15 ފަރާތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މުއްދަތުގައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތަަކަށް އެކަށީގެންވާ ހައްލެއް ހޯދައިދީ ކަން ހިނގާދާ ގޮތް ޝަކުވާ ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް ސާފުކޮށްދެއްވާނެ ކަމަށެވެ
"ފުލެޓަށް އެދުނު ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް އާންމުކޮށްފައިވަނީ ވަރަށް ބޮޑަށް ބަލައި އިންސާފުން ޕޮއިންޓް ދިނުމަށްފަހު. އެހެންވީމަ މާބޮޑެތި ބަަދަލުތަކެއް އަންނާނެ ކަމަކަށް ނުބެލެވޭ،" އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.
އެދުރުހިޔާ އިން ދޫކުރާ 80 ފްލެޓަށް 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލިރު ހަތް މީހަކު ފިޔަވައި އެހެން ހުރިހާ އެންމެންނަށް ޕޮއިންޓް ލިބުނު ވަރު ވަނީ ގެޒެޓް ކޮށްފަ އެވެ. ގެޒެޓް ނުކުރާ ހަތް ނަމަކީ އެކަށީގެންވާ ވަރަށް މައުލޫމާތު ހުށަހަޅާފައި ނެތިގެން ބާތިލްކުރި ނަންތަކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެދުރުހިޔާއިން ދޫކުރާ އެއް ކޮޓަރީގެ 15 ފްލެޓަށް 49 މީހަކު ކުރިމަތިލިއިރު ދެ ކޮޓަރީގެ 60 ފްލެޓަށް 306 މީހުން ކުރިމަތިލާފައިވެ އެވެ.
އެދުރުހިޔާއަކީ އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން ހަރަދުކޮށްގެން މާލޭގެ ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ދާއިރާގެ އެހެން މުއްސަސާތަކުގައި ވަޒީފާ އަދާކުރަމުން ގެންދާ މާލެގައި އަމިއްލަ ގެދޮރުނެތް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތި ވެފައިވާ ކިޔަވައިދިނުމުގެ މަސައްކަތުގައި ހިދުމަތް ކުރާ މުވައްޒަފުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އެޅުނު އިމާރާތެކެވެ.
މި މަސައްކަތަކީ މާލާ ހައިރައިސިން ކޮމްޕެނީއާއި ހަވާލުކޮށް މޯލްޑިވްސް އިސްލާމިކް ބޭންކްގެ ލޯން އެހީގެ ދަށުން އިމާރާތް ކުރެވިގެންދިޔަ އިމާރާތެކެވެ. އަދި އެ މަސައްކަތަށް 62.1 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ