ދެ ރަށެއްގައި ހިންގި އޮަޕަރޭޝަންތަކެއްގައި ޑްރަގާއެކު ތިން މީހަކު ހައްޔަރު ކޮށްފި

ތ. ހިރިލަންދޫ އާއި ނ. ހޮޅުދޫގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ހިރިލަންދޫގައި ހިންގި އޮޕަރޭޝަނުގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ދިރިއުޅެމުން އަންނަ ގެ ބަލައިފާސްކުރިއިރު އެމީހާ އުޅެމުން އަންނަ ކޮޓަރި ތެރެއިން މަސްވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
ހޮޅުދޫގައި ދެ ދުވަހެއްގެ މަތިން ދެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި އޮޕަރޭޝަންތަކުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހޮޅުދޫގައި ހިންގި ފުރަތަމަ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އެރަށު މަގުމަތިން ކަމަށާއި އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ބުންޏެވެ. ދެވަނަ އޮޕަރޭޝަނަކީ ހޮޅުދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި އެރަށު މަގުމަތިން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލހުން ބުންޏެވެ. އަދި އެމީހާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ބުންޏެވެ. މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކޮންމެ މީހަކަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ