ސީރިޔާއިން އައި ދިވެހި މީހާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ބަންދުކޮށްފި

މިމަހުގެ 15 ވަނަ ދުވަހުގައި ސީރިޔާއިން އަނބުރާ އައި އަދި ދިވެހި މީހާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ބަންދުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށް އެނބުރި ރާއްޖެއަށް އައިކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށެވެ. އެހެންކަމުން، 23 އޮކްޓޯބަރ ވީ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނު މުއްދަތު މަޖިލީހުގައި، އެ ޤާނޫނުގެ 60-6 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ޤާއިމުކުރާ މަރުކަޒުގައި، އެ ޤާނޫނުގެ 60-11 ގައި ބަޔާންކުރާ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އިއްޔެއިން ފެށިގެން އޭނާ ބަންދުކޮށްފައިވަނީ މިދެންނެވި ޤާނޫނުގެ ދަށުން އުފައްދާފައިވާ މަރުކަޒުގައިކަމަށާއި މިއީ މި މަރުކަޒުގައި މީހަކު ބަންދުކުރެވުނު ފުރަތަމަ ފަހަރުކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 60-6 ވަނަ މާއްދާގެ ދަށުން ޤާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ޤާއިމުކޮށް، އެންޓި ޓޯޗަރ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އެކަން އިއުލާން ކޮށްފައި ވަނީ 22 އޮކްޓޯބަރ 2020 ވަނަ ދުވަހުއެވެ.
މިއީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް ޤާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށާއި، ޓެރަރިޒަމްގެ ބިރުވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއްކަމަށް އެ މިނިސްޓްރީން ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
އަދި މި މަސައްކަތުގައި ދިވެހިރާއްޖެއާ އުޚުއްވަތްތެރި އިސްލާމީ ޤައުމުތަކާއި، ރަހުމަތްތެރި އެހެން ގައުމުތަކާއި، ބައިނަލްއަޤުވާމީ މުއައްސަސާތަކުގެ އެހީތެރިކަމާއެކު އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް ރިއާޔަތްކުރާނެކަމަށް ވަނީ ޔަގީންކަން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ