އެމްއެމްޕީއާރުސީ ފައިސާ ހޯދަން ފާއިތުވި ދެ އަހަރު ސަރުކާރުން ކުރީ ކޮންކަމެއް؟: ޑރ.ޖަމީލް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)ގެ ކޮރަޕްޝަނުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް މި ސަރުކާރުން ކުރި މަސައްކަތާ ގުޅޭ ގޮތުން ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ސުވާލު އުފައްދަވައިފިއެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގަިއ ގެއްލުނު ފައިސާ އަނބުރާ ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެންނެވުމުަގއި އެމަނިކުފާނުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ސަރުކާރު ވުޖޫދުވުމާއެކު އެ ފައިސާ ހޯދުމަށް އެސެޓު ރިކަވަރީ ކޮމިޝަނުގެ ނަމުގައި ރިޔާސީ ކޮމިޝަނެއް ރައީސް ސޯލިހު އުފެއްދެވިއެވެ. އަދި އެ ކޮމިޝަނަށް 19 ވަނަ މަޖިލިހުން ޤާނޫނީ ބާރުވެސް ދީފައިވެއެވެ. މިހާތަނަށް ގެއްލިފައިވާ ފައިސާ ހޯދުމުގައި އެ ކޮމިޝަނަށް ކުރެއްވުނު މާ ބޮޑު ކަމެއް ނެތެވެ. އަދި ހޯދުނު މާބޮޑު ކާމިޔާބެއްވެސް ނެތެވެ. ސަރުކާރަށް 2 އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއް؟ އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟ ދަޢުވާކުރާގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒްކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް! pic.twitter.com/3GlHr1X0r2— Mohamed Jameel Ahmed (@MJameelAhmed) December 16, 2020މިކަންކަމާ ގުޅިގެން ޑރ.ޖަމީލު ކުރެއްވި ޓުވީޓުގައި، ސަރުކާރަށް 2 އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ސަރުކާރުން ކުރީ ކީއްތޯ ސުވާލު އުފައްދަވާފައިވެއެވެ. އެއާއެކު އެމްއެމްޕީއާރުސީ މައްސަލާގައި އެންމެ އިސްކޮށް އުޅުއްވި ކަމުގައި ބެލެވޭ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތު ގޭގައި ތިއްބަވަނީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަވާލުކޮށްފައިތޯވެސް ޑރ.ޖަމީލު ސުވާލު އުފެއްދެވިއެވެ. "އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟" ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ އިދިކޮޅު ޕީޕީއެމްގެ މުސްތަޝާރުގެ މަޤާމުގައި ހުންނެވި ޑރ.ޖަމީލު ސުވާލުކުރެއްވިއެވެ. އަދި އެމްއެމްޕީއާރުސީ މައްސަލާގައި ދައުވާކުރާ ގޮތުން ފެންނަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ދައުވާތައް އުފުލަމުންދާ މަންޒަރު ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު މިހާތަނަށް އެމްއެމްޕީއާރުސީ މައްސަލާގައި އިއުތިރާފު އެއްބަސްވުމެއް ނެތި ދައުވާ އުފުލިފައިވަނީ ހަމައެކަނި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށެވެ. ދެން ދައުވާކުރެވުނު ދެ ފަރާތްކަމުގައިވާ ޒިޔަތާއި އަދީބަކީ އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުވާކުރެވި ކުރު މުއްދަތުގެ ހުކުމްތަކެއް އަންނަ ބޭފުޅުންނެވެ. މިކަންކަމަށް އިޝާރާތްކުރައްވައި ޑރ.ޖަމީލު ޞިފަކުރެއްވި ގޮތުގައި ޕްރެސެކިއުޓާ ޖެނެރަލް އޮފީސް ފެންނަނީ ސަރުކާރުގެ ކުށްތައް ފޮރުވަން މަސައްކަތްކުރާ އިދާރާއެއްގެ ގޮތުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ