ރިސޯޓުތަކުގެ އޮކިއުޕެންސީ އިތުރުވިނަމަވެސް އެއިން ދައުލަތުގެ މާލިއްޔަތަށް ބޮޑު އަަސަރެއްނުކުރޭ: ރައީސް ނަޝީދު

ރިސޯޓުތަކަށް އަންނަ މީހުންގެ އަދަދު އިތުރުވި ނަމަވެސް ދައުލަތުގެ މާލިއްޔަތަށް އޭގެއިން މާ ބޮޑު އަސަރެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އައު އަހަރުގެ ތަހުނިޔާ މެސެޖުގައެވެ.
ރައީސް ނަޝީދުގެ ތަހުނިޔާގައި ވަނީ އަންނަ އަހަރު އުއްމީދީ ކިތަންމެ ކަމެއް ކުރުމަށް ރާވައި އަންދާޒާ ކުރި ނަމަވެސް އެކަންތައްތަަކަކީ އެހާ ފަސޭހަ ދުވެލީގައި ދާނެ ކަންތައްތަކެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމަށާއި އެގޮތުން ރިސޯޓުތަކުގެ އޮކިއުޕެންސީ 80 އިންސައްތައަށް މައްޗަށް ދިޔަ ނަމަވެސް އަދި 150 ހާސް ޓަނުގެ މަސް ވިއްކުނު ނަމަވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށެވެ.
އަދި ކުރީ ސަރުކާރުން ޗައިނާ އިން ނަގާފައިވާ ލޯނާއި ގުޅޭގޮތުން ނަޝީދު ވިދާޅުވީ އެންމެ ހެޔޮ ނަފާވާ ހާލަތުގައި ދަރަނި އަދާނުކުރެވޭއިރު އަދި މި ހާލަތުގައި ދަރަނި އަދާނުކުރެވޭނެ ކަމަށާއި އުންމީދަކީ އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާކުރުމުގައި ލުއި ގޮތެއް ހޯދައިދިނުމަށެވެ.
މީގެ އިތުރަށް ނިމިގެން މިދާ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ސްޕީޑާއި މަސައްކަތުގެ ފުރިހަމަކަމާމެދު ހިތްހަމަޖެހޭކަން ފާހަގަ ކުރައްވާ ނަޝީދު ވަނީ އެގޮތުން މުހިންމު ބިލުތަކެއް ފާސްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
2020 ވަނަ އަހަރު ވެގެން މިދިޔައީ އެހެން އަހަރުތަކާ ވަރަށް ތަފާތު އަހަރެއްގެ ގޮތުގައި ކަމަށާއި އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް އައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެގޮތުން ފަތުރުވެރިން އިންތިހާއަށް ދަށަށްގޮސް ގިނަ ބައެއްގެ ވަޒީފާއާއި އާމްދަނީ ގެއްލި ސްކޫލްތައް ބަންދުކޮށް އަދި ގާތްތިމާގެ މީހުން މި ދުނިޔެދޫކޮށްދިޔަ އަހަރެއް ކަމަށާއި 2020 ވަނަ އަހަރު ގިނަ މީހުން ހަނދާންކުރަން ބޭނުންނުވާނެ އަހަރެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އައު އަހަރު ބައްދަލު މިކުރަނީ އުންމީދުތަކަކާއެކުގައި ކަމަށާއި ކޮވިޑް-19 ގެ ވެކްސިން ހަލުވިކަމާއެކު ލިބި މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތްވާނެ ކަމުގެ އުންމީދުތަކާ އެކުކަންވެސް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ