އޮޅުވެލި ރިސޯޓުން 32 މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ

ސަން ސިޔާމް އޮޅުވެލި ރިސޯޓުން 32 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްއީއޯސީން ބުނީ މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 87 މީހުންގެ ތެރެއިން 32 މީހުން ޕޮޒިޓިވް ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށެވެ. އެގޮތުން އެ ރިސޯޓުން ޕޮޒިޓިވް ވެފައިވާ އެންމެންނަކީ ވެސް ސްޓާފުން ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.
ރާއްޖޭގެ އެކި ރިސޯޓުތަކުން ކޮވިޑްގެ ކޭސްތައް ފެންނަމުންދާއިރު، އެޗްއީއޯސީން ވަނީ ބައެއް ރިސޯޓުތަކުން ބަލީގެ އަލާމާތް ހުންނަ މީހުން ޓެސްޓް ނުކުރާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކްލިނިކެއް ނެތް ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ކޮވިޑްގެ ޝައްކު ކުރެވޭ ކޭސްގެ ގޮތުގައި ބަލާ ބަލީގެ އަލާމާތްތަކަކީ ކޮބައިކަން އިނގެންޖެހޭ ކަމަށެވެ. އެގޮތުން ކިތަންމެ ކުޑަކޮށް އަލާމާތްތައް ހުންނަ މީހެއް ވިޔަސް ވަގުތުން އެކަހެރިކޮށް ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.
"އެގޮތަށް ނުކުރެވި ބައެއް ތަންތަނުގައި ގިނަ ދުވަސްވެގެން ބަލި ވަރަށް ބޮޑަށް ފެތުރިފައި ހުރިކަން ފާހަގަކުރެވޭ" ނަޒްލާ ވިދާޅުވިއެވެ.
އަދި މާލެއިން ރިސޯޓުތަކަށް މަސައްކަތް ކުރަންދާ ސްޓާފުން ނުވަތަ ރާއްޖެއިން ބޭރުން އަންނަ ސްޓާފުން ވެސް ބައެއް ރިސޯޓުތަކުން ރަނގަޅަށް ކަރަންޓީނު ނުކުރާކަން ވެސް ފާހަގަކުރެވޭ ކަމަށާއި މިއީ ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމެއްކަން ނަޒްލާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ނަޒްލާ ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ގައިޑްލައިންގެ ކަންކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު ކަމަށާއި އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެ ޓޫރިސްޓުން އަންނަ ޢަދަދު އިތުރުވެފައިވާއިރު، މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅަށް ހިނގައި ގަނެވުނީ ގައިޑްލައިންތަކުގައި ހިފެހެއްޓުމުން ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ