ކޮޅުފުއްޓަށް ދަތުރުކުރި މީހުން ކަރަންޓީންވެ ކޮވިޑް ޓެސްޓުކުރަން އަންގައިފި

މ. ކޮޅުފުއްޓަށް މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން ދަތުރުކުރި މީހުން ކޮވިޑް ޓެސްޓު ހެދުމަށާއި ކަރަންޓީން ވާން އަންގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން އަތޮޅު ތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް / ހެލްތު ސެންޓަރަށް އެންގުމަށެވެ. މި މުއްދަތުގައި މ. ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މި މަހުގެ 5 ވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ހަަމައެއާއެކު މި މުއްދަތުގައި މ. ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން މިހެން އަނގާފައި ވަނީ ކޮލޫފުށީން މި މަހުގެ 19 ވަނަ ދުވަހު މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނިޓަރިންއަށް ބަދަލުކޮށް ނެގި ރެންޑަމް ސާމްޕަލް ތަކުން މިއަދު 9 މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، މިއަދު 9 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ އަންހެނަކާއި ދެ ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ. އެ ގޮތުން 1 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެއް ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.
މި ކޭސްތަކާ ގުޅިގެން މިހާރު އެ ރަށުގެ 9 ގެއެއް ވަނީ މޮނިޓަރިންގައި ކަމަށް ވެސް މައުލޫމާތު ދެއެވެ. އަދި މާލެއަށް ދިޔަ މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 50 މީހެއް ދެނެގަނެވިފައި ވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުނެއެވެ.
ކޮޅުފުށީ މޮނިޓަރިންއަށް ލާފައިވާ އިރު އއ. ތޮއްޑޫން ވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެއީ ވެސް އެރަށުން މާލެއަށް އައި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެ ރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާއިރު އެއްވެސް ޕޮޒިޓިވް ނަތީޖާއެއް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ