މިދިޔަ އަހަރު ޖޭއެސްސީއަށް 288 ޝަކުވާއެއް ހުށައެޅި

މިދިޔަ 2020 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް 288 މައްސަލައެއް ހުށައަޅާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން އާންމުކޮށްފައިވާ އެކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކޮމިޝަނަށް އެންމެ ގިނަ މައްސަލަ ހުށައަޅާފައިވަނީ މިދިޔަ އަހަރުގައެވެ.
2019 ވަނަ އަހަރު ޖޭއެސްސީއަށް ހުށައަޅާފައިވަނީ 114 ޝަކުވާއެކެވެ. އަދި 2018 ވަަނަ އަހަރު 7 ޝަކުވާއެއް ހުށައަޅާފައިވެއެވެ.
އެެހެންކަމުން ފާއިތުވެދިޔަ ތިން އަހަރު ޖުމްލަ 409 ޝަކުވާއެއް ޖޭއެސްސީއަށް ހުށައަޅާފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި 409 މައްސަލައިގެ ތެރެއިން، މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި ކޮމިޓީން 304 ޝަކުވާއެއް ދިރާސާކޮށްފައިވެއެވެ.
މީގެތެރެއިން 77 އިންސައްތަ ޝަކުވާއަކީ ތަހުގީގުކުރަން ނުފެންނަ ޝަކުވާތަކެއްކަމަށް ކަނޑައާޅާފައިވެއެވެ.
މީގެއިތުރުން 12 އިންސައްތަ މައްސަލަ ތަހުގީގުކުރަން ނިންމާފައިވާއިރު، 11 އިންސައްތަ ޝަކުވާ މިހާރު ދިރާސާ ކުރަމުންދާކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީއަށް ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ޖުމްލަ 114 މައްސަލައެއްގައި 44 ތަހުގީގު ކޮމިޓީއެއް މަސައްކަތް ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މި 114 މައްސަލައިގެ ތެރެއިން 74 އިންސައްތަ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާއިރު، 26 އިންސައްތަ މައްސަލަ ސާބިތުވާކަމަށް ވަނީ ނިންމާފައެވެ.
މިދިޔަ 2020 ވަނަ އަހަރު ފެށުނުއިރު 73 މައްސަލައެއް ޖޭއެސްސީން ބަލަމުންގޮސްފައި ވެއެވެ. އަދި 41 މައްސަލައެއް ބެލުމުގެ މަސައްކަތް އެކޮމިޝަނުން މިދިޔަ އަަހަރު ފެށިއެވެ. އަހަރު ނިމުނުއިރު 54 މައްސަލައެއް ބަލާ ނިންމާފައިވެއެވެ.
އެގޮތުން 9 ފަނޑިޔާރަކު މަގާމުން ވަކިކޮށް، 2 ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވެއެވެ. އަދި 4 ފަނޑިޔާރަކަށް ނަސޭހަތާއެކު ތަމްރީން ފުރިހަމަކުރުމަށް އަންގާފައިވެއެވެ.
ޖޭއެސްސީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ކޮމިޝަނަށް ދީފައިވާ ބެޖެޓުގެ 94 އިންސައްތަ ބޭނުންކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ