ތިނަދޫ އެކްސިޑެންޓްގައި ފުލުހުންގެ ވޭން ދުއްވި ފުލުސް މީހާ އެހެން ރަށަކަށް ބަދަލުކޮށްފި

ގދ. ތިނަދޫގައި ފުލުހުންގެ ވޭނަކާއި ސައިކަލެއް ޖެހި މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ފުލުހުންގެ ވޭން ދުއްވަން އިން ފުލުސް މީހާ އެހެން ރަށަކަށް ބަދަލު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް އެކަން ސަން އަށް ކަށަވަރުކޮށްދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދެއްވި އެވެ. އަދި އޭނާ އެހެން ރަށަކަށް ބަދަލު ކުރެއްވީ ކީއްވެގެން ކަމެއް ވެސް ވިދާޅެއް ނުވި އެވެ. ވިދާޅުވީ "ތަހުގީގު ކުރިއަށްދާތީ އިތުރު މައުލޫމާތު ދެވެން ނެތް" ކަމަށެވެ.
ތިނަދޫ ބޮޑު މަގަކުން ދުއްވާފައި ދިޔަ ސައިކަލަކާއި ފުލުހުންގެ ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި އެ ރަށު ބްރޯން، މޫސާ މަނިކު،32، ލަންކާ އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކޯމާއެއްގައި އޮވެ، މަރުވީ އަންގާރަ ދުވަހުގެ ހެނދުނު އެވެ.
މޫސާ މަނިކުގެ މަރާ ގުޅިގެން ފުލުހުން ވަނީ އޭނާގެ އާއިލާގެ ކިބައިން މަޢާފަށް އެދިފަ އެވެ. އަދި އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މޫސާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަކަށް ފުލުހުން އަދި އެއްބަހެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ