ތިމާވެށީގެ ކަންތައްތަކަށް ހޭނުމަށް އެންމެ ބޮޑަށް ބޭނުންވަނީ ހެޔޮ ގޮތުގައި ވެރިކަން ކުރުން: ރައީސް ނަޝީދު

ދުނިޔޭގެ ތިމާވެއްޓަށް ދިމާވާ އެކި ކަންތައްތަކަށް ހޭނުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ ޑިމޮކްރެސީ ނުވަތަ ހެޔޮ ގޮތުގައި ވެރިކަން ކުރުން ކަމަށް ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ސްވިޑްންގެ އަނާލިންދު މެމޯރިއަލް ފަންޑުން ދޭ އަނާލިންދު އެވޯޑާ ހަވާލުވެވަޑައިގަތުމަށްޓަކައި އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު ރޭ މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ފައިސާ ހޯދައިގެން ތިމާވެއްޓަށްޓަކައި ކުރަމުންދިޔަ މަސައްކަތްތައް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ކޮންކްރީޓް އަޅާފައިވާ ކަންތައްތަކެއް ނޫން ކަމަށާއި ހެޔޮ ގޮތުގައި ވެރިކަން ކުރެވޭނެ ގޮތެއް ހޯދުމަކީ ވަރަށް ބޮޑަށް ބޭނުންވާ އެއް ބާވަތުގެ އެހީތެރިކަން ކަމަށެވެ.
"ހެޔޮ ގޮތުގައި އެ ފައިސާ ބޭނުން ކުރެވޭނެ އުސޫލުތަކެއް ހޯދުން. އެއީ އަޅުގަނޑުގެ ނަޒަރުގައި މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ތިމާވެއްޓަށް އަންނަ ބަދަލަށް އަޅުގަނޑުމެން ކުރިމަތިލުމަށް ބޭނުންވާ އެއް ކަމަކީ،" މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޗުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ވެރިކަމުގެ ފަރާތުން ގަސް ކަނޑަންވީ ގޮތް ބުނެދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަމެއް ކުރުން ނޫން ކަމަށެވެ.
"އޭގެ ބަދަލުގައި ހެޔޮ ގޮތުގައި ވެރިކަން ކުރެވޭނެ ގޮތެއް، ކޮރަޕްޝަނުން ދުރުވެ ރަށްރަށުގެ ރައްޔިތުންނަށް ސީދާ އެ މީހުންގެ މުއްސަނދިކަން ބޭނުންކުރެވޭނެ ގޮތަކަށް ވެރިކަމުގެ ކަންކަން އެ މަގަށް ދިޔައީމަ ދެން އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން ވަރަށް މަދުވާނެ. އަޅުގަނޑު މިތަނުގައި ހުރެގެން އެއް މިލިއަން ގަސް އިންދަން ނުވަތަ ހުރިހާ ކޮތަޅު ނަގަން، މި ބާވަތުގެ ކަންކަން ކުރަން އަޅުގަނޑު ބޭނުން. އަދި އެކަން ކުރަން ވެސް މަސައްކަތް ކުރާނަން. އެހެން ނަމަވެސް ކުރަން މިޖެހޭ ކަމަކީ ރައްޔިތުންނަށް މިކަން ކަމަށް ހޭލުންތެރިވެގެން އެ މީހުން ނުކުތުން. އެކަންކަމަށް ނުކުތުމަށްޓަކައި އެ މީހުންގެ ވެރިކަން ހެޔޮގޮތުގައި އެ މީހުންނަށް ކުރެވޭނެ ގޮތް އެބަ ހޯދަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ޑިމޮކްރެސީ އާއި ތިމާވެއްޓާ ގުޅޭ ގޮތުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނާލިންދު އެވޯޑާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ އެވޯޑް ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެ އެވޯޑާ އެކު ލިބިވަޑައިގެންނެވި ފައިސާގެ އިނާމުގެ ކޮންމެވެސް ބައެއް ކޮންމެވެސް ޖަމިއްޔާއަކަށް ދެއްވަން ހިތުލައްވައިގެން ހުންނެވި ކަމަށެވެ.
އެވޯޑާ އެކު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ފައިސާގެ އަދަދެއް އެ މަނިކުފާނު ހާމަނުކުރެއްވި ނަމަވެސް އިންޑިޔާގެ ޒީ ނިއުސް އިން ބުނެފައިވާ ގޮތުގައި އަނާލިންދު އެވޯޑާ އެކު ލިބިވަޑައިގަތީ 19،000 ޑޮލަރު ( 244،150ރ) އެވެ.
"އަޅުގަނޑަކީ މާ ގިނަ ރުފިޔާއެއް ލިބޭ މީހެއް ނޫން. އަދި މީގެ ކުރީގައި ވެސް މާ ގިނަ ރުފިޔާތަކެއް ލިބޭ މީހެއް ނޫން. އަޅުގަނޑަށް ލިބޭ ރުފިޔާއެއް ވެއްޖިއްޔާ ވަރަށް ދެ ފުށް ފެންނަ ގޮތަށް ސާފުކޮށް އަޅުގަނޑުގެ އެކައުންޓެއްގައި އެ ބަހައްޓަން،" ސްވިޑުންގެ އިތުރުން ސްރީ ލަންކާ އަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅަށް ފަހު ރައީސް ވިދާޅުވި އެވެ. "އިންސާނީ ހައްގުތަކަށް އެހީތެރިވުމަށް މަސައްކަތްކުރާ އަޅުގަނޑަށް މި ފެންނަ ތަނުގައި އެއް ޖަމާއަތް އެބަ އޮވޭ. އެއީ ޑިޓެއިނީ ނެޓް ވޯކް. މިހާރު ވެސް އެ ޖަމާއަތް އެއީ އެކަމުގައި މަސައްކަތްކުރަމުން އަންނަ ޖަމާއަތެއް. ވީ މިންވަރަކުން އަޅުގަނޑު އެކަމާ ވިސްނާފައި އަޅުގަނޑަށް ދެވެން އޮތް އެންމެ ރަނގަޅު އެއްޗެއް އަޅުގަނޑުގެ އިނާމު ފައިސާ އިން އިރާދަކުރެއްވިއްޔާ ދެވޭތޯ އަޅުގަނޑު ބަލާނަން."
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން 160 ރަށެއްގައި 200 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތަފާތު މަޝްރޫއުތައް އާ ސަރުކާރު ހަވާލުވިއިރު ހިންގަން ފަށާފައިވާ ކަމަށެވެ. އެގޮތުން ގިނަ ބަނދަރުތައް ހެދުމާއި ރިވެޓްމަންޓް ޖެހުމާއި ތޮށި ޖެހުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ހުރީ ހުއްޓިފައި. މިކަންކަން ގިނައިން ހުއްޓިފައި ހުރީ ރައްޔިތުންނާ ގުޅުމެއް ނެތި ރައްޔިތުން މިކަމުގައި ބޭނުންވަނީ ކޮން ގޮތެއްތޯ ބަލައި ނުލައި މިކަންކަން ކުރަން ފެށީތީ. މުޅި ދުނިޔޭގައި ތަރައްގީވަމުން އަންނަ ހުރިހާ ގައުމެއްގެ ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން އެއަށް ހޭނުމަށް ހިންގާ މަޝްރޫއުތަކުގެ ދެބައިކުޅަ އެއްބައި އެއީ ނާކާމިޔާބު ކަމަކަށް ވަނީ ވިއްޔާ އެއީ ދުނިޔެ އަށް ލިބޭނެ ]ގެއްލުމެއް[. އެހެންވީމަ އަޅުގަނޑުމެންގެ ނަޒަރުގައި ތިމާވެއްޓަށް އަންނަ ބަދަލަށް ހޭނުމަށްޓަކައި ވަރަށް މުހިންމު ކަމެކޭ ލޯކަލް ގަނަވަނަންސް ނުވަތަ ރަނގަޅު ހެޔޮގޮތުގައި ވެރިކަން ކުރެވޭނެ ގޮތެއް ހޯދުން. ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަށް ކަންކަން ކުރުން. ރާއްޖޭގައި މިހާތަނަށް ހިންގިފައި ހުރި ވަރަށް ގިނަ މަޝްރޫއުތައް ހިންގިފައި ހުރީ އޭގައި ނާޖާއިޒު ފައިދާ އާއި ކޮރަޕްޝަން ވަރަށް ބޮޑަށް ހިމެނިގެންކަން މިހާރު މި ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
އަނާލިންދު ޕްރައިޒަކީ 2003 ވަނަ އަހަރު އަވަހާރަކޮށްލި ސްވިޑްންގެ ހާރިޖީ ވަޒީރު އަނާލިންދުގެ ހަނދާނުގައި އަނާލިންދު މެމޯރިއަލް ފަންޑުން ދޭ އިނާމެކެވެ.
އަނާލިންދު އެވޯޑަށް ފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން ރަސްމީ ފާލަމުން ގިނަ ބަޔަކު އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. އެގޮތުން ގައުމީ ދިދަ އާއި އެމްޑީޕީ ދިދަ ހިފައިގެން ތިބި ގިނަ ބަޔަކު ރައީސް ނަޝީދުގެ އިސްތިގުބާލުގައި ރަސްމީ ފާލަން ކައިރިއަށް ރޭ އެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ