އިސްކަން ދޭނީ އެމްޓީޑީސީ އުވާނުލައި މައްސަލަ ހައްލުކުރަން: އެޓާނީ

އެމްޓީޑީސީ އުވާނުލައި، އޮޓިޓް ރިޕޯޓުގައި ހުށަހަޅައިފައިވާ ކަންތައްތައް ހައްލު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެޓާނި ޖެނެރަލް އާޒިމާ ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭ "ފަންސަވީސް"ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމާ ވިދާޅުވީ އޮޑިޓާ ޖެނެރަލް މި މަހުގެ 22 ވަނަ ދުވަހު އާންމު ކުރައްވާފައިވާ އެމްޓީޑީސީގެ އޮޑިޓް ވެސް ވަރަށް މިނިވަން ކަމާ އެކު އެކުލަވައިލައްވާފައިވާ ވަރަށް ރަނގަޅު ރިޕޯޓެއް ކަމަށާއި އަދި ކުންފުނި އުވާލުމަށް ހުށަހަޅައިފައިވާ ސަބަބުތަކަކީ ވެސް ރަނގަޅު ސަބަބުތަކެއް ކަމަށެވެ. އާޒިމާ ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ތިން ބާވަތެއްގެ މައްސަލައެއް ފާހަގަ ކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ފުރަތަމަ ހައްލު ކުރުމަށް އިސްކަން ދޭނީ ހިއްސާތަކާ ގުޅޭ މައްސަލަތައް ކަމަށެވެ.
"ކެޕިޓަލް މާކެޓް ޑިވެޕޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެކަން ބަލާނެ. އަޅުގަނޑުމެން ވާނީ ސީއެމްޑީއޭގެ ބޯޑާ ވެސް ބައްދަލުކޮށްފައި. އެ މައްސަލަ ބެލުމަށް ސީއެމްޑީއޭ އިން ވަނީ ނިންމާފައި،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އެމްޓީޑީސީގެ އަކީ ވިއްސަކަށް ހާސް ހިއްސާދާރުން ތިބި ކުންފުންޏަކަށް ވާއިރު، އެ ކުންފުނީގެ ހިއްސާ ގާވާދާއި އެއްގޮތަށް ގަނެފައިވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އެންމެ ފަހު މަރުހަލާ އަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ ހިއްސާދާރުންގެ ހައްގުތައް ހޯދައިދޭން. ކުންފުނީގެ ހިންގުން ހަރުދަނާކުރަން. ކުންފުނި އުވާލުމަކީ އެންމެ ފަހު ގޮތް،" އާޒިމާ ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކަކީ ވަރަށް ގިނަ ބަޔަކާ ގުޅިފައިވާ މައްސަލަ ތަކަކަށް ވާއިރު އެކަން މުޅިން ހައްލުކުރުމަށް ވަރަށް ގިނަ ދުވަސްތަކެއް ވެސް ނަގައިފާނެ ކަމަށެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ކުންފުނީގެ އެތެރެއިން ހައްލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެސް އެބަ ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީޑީސީގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެ ވަޑައިގަތެވެ. ޑރ. މައުސޫމް ވިދާޅުވީ އެމްޓީޑީސީ އަކީ ވަރަށް މުހިންމު މަގުސަދެއްގައި ވަރަށް ބުރަ މަސައްކަތުން ވުޖޫދަށް ގެނެވުނު ކުންފުންޏެއް ކަމަށާއި އެ ކުންފުނި ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ