އެންމެ ގިނަ ފައިސާ ޗެލްސީ އަށް

ނިމިގެންދިޔަ ޗެމްޕިއަންސް ލީގުން އެންމެ ގިނަ ފައިސާ ލިބުނު ޓީމަށް ޗެމްޕިއަން ޗެލްސީ ވެއްޖެ އެވެ.
އެ ޓީމަށް ވަނީ 59 މިލިއަން ޕައުންޑް ލިބިފަ އެވެ. ޗެލްސީއަށް އެންމެ ގިނަ ފައިސާ ލިބުނީ ޓީވީ މާކެޓިންއިންނެވެ. މި ގޮތުން އެ ޓީމަށް 30 މިލިއަން ޕައުންޑް ލިބުނުއިރު ރަނަރަޕް ބަޔާން އަށް ޓީވީ މާކެޓިންއިން ލިބުނީ 14 މިލިއަނެވެ. ބަޔާން އަށް މުޅި މުބާރާތުން ލިބުނީ 41 މިލިއަން ޕައުންޑެވެ.
އަށް ކެޓަގަރީއަކަށް ބަލައިގެން ދީފައިވާ ފައިސާ އަށް ބަލާއިރު ޕާފޯމަންސް ބޯނަސް އެންމެ ގިނައިން ލިބުނީ ރެއާލް މެޑްރިޑަށެވެ. އެއީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް އެ ޓީމުން ކާމިޔާބު ކުރުމުންނެވެ. ޕާފޯމަންސް ބޯނަސް ދިނުމަށް ބަލާފައިވަނީ ގްރޫޕް ސްޓޭޖަށް އެކަންޏެވެ. މި ގޮތުން މޮޅުވާ މެޗަކަށް 800000 ޕައުންޑް އަދި އެެއްވަރުވެއްޖެނަމަ 400000 ޕައުންޑް ދީފައިވެ އެވެ. ރެއާލްގެ ފަހަތުން މި ކެޓަގަރީން އެންމެ ގިނަ ފައިސާ ހޯދީ ބާސެލޯނާ އެވެ.
ބާސެލޯނާ އަކީ މުޅި މުބާރާތުން ތިން ވަނަ އަށް އެންމެ ގިނަ ފައިސާ ލިބުނު ޓީމެވެ. އެ ޓީމަށް 40 މިލިއަން ޕައުންޑް ލިބުނުއިރު ދެން އެންމެ ގިނަ ފައިސާ ލިބުނީ އޭސީ މިލާނަށެވެ. އެ ޓީމަށް 39 މިލިއަން ލިބުނުއިރު ރެއާލް މެޑްރިޑަށް ލިބުނީ 38 މިލިއަނެވެ. މެންޗެސްޓާ ޔުނައިޓެޑަށް 35 އަދި އިންޓަމިލާނަށް ލިބުނީ 31 މިލިއަން ޕައުންޑެވެ. މުބާރާތުގައި ވާދަކުރި ކޮންމެ ޓީމަކަށް ޕާޓިސިޕޭޝަން ބޯނަސް ގެ ގޮތުގައި 3.9 މިލިއަން އަދި މެޗު ބޯނަސްގެ ގޮތުގައި 3.3 މިލިއަން ޕައުންޑް ދީފައިވެ އެވެ.
މުބާރާތުގެ ގަދަ 16 އަށް ދިޔަ ކޮންމެ ޓީމަކަށް ތިން މިލިއަން އަދި ކުއާޓާ ފައިނަލަށް ދިޔަ ކޮންމެ ޓީމަކަށް 3.3 މިލިއަން އަދި ސެމީ ފައިނަލަށް ދިޔަ ކޮންމެ ޓީމަކަށް 4.2 މިލިއަން ލިބިފައިވެ އެވެ. މުބާރާތުގެ ރަނަރަބް ޓީމަށް ލިބިފައިވަނީ 5.6 މިލިއަން އަދި ޗެމްޕިއަން ޓީމަށް ނުވަ މިލިއަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ