ގުއަންޓަނާމޯ ބޭއިން ގައިދީން ގެނަޔަސް ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ސަލާމަތީ ބާރުތަކުން ބުނޭ: ޕްރެސް ސެކްރެޓަރީ

ކިއުބާގެ ގުއަންޓަނާމޯ ބޭގައި ހުންނަ އެމެރިކާގެ އަސްކަރީ ޖަލުގައި ތިބި ބައެއް ގައިދީން ރާއްޖެ ގެނައި ކަމުގައި ވިޔަސް، އެ މީހުންގެ ފަރާތުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ފޯރިޔަނުދީ، ރާއްޖޭގެ ދިފާއީ ނިޒާމު ބެލެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިގެންވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
ގުއަންޓަނާމޯ ބޭ ޖަލުން ގައިދީން ގެނައުމުގެ މައްސަލައާ ބެހޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައި ބުރާސްފަތި ދުވަހު ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޒުހައިރު ވިދާޅުވީ، އެ ދުވަހު މަޝްވަރާކުރެއްވީ އެކަމުގެ ގާބިލުކަން ސިފައިންނާއި ފުލުހުންގެ ކިބައިގައި ހުރިތޯ ބެލުމަށް ކަމަށެވެ.
"އަޅުގަނޑަށް ހަމައެކަނި ދަންނަވާލެވެން އޮތީ އެ ބޭފުޅުންގެ ވާހަކަފުޅުގައި ބޮޑަށް ބުރަވެވަޑައިގެންފައި އޮތީ އެ ގާބިލުކަން އެބަހުރި ކަމަށޭ. އެއީ އަޅުގަނޑަށް އެނގިފައި އޮތް މިންވަރު."
ޒުހައިރު ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުންތަކަކީ ސިއްރު ޖަލްސާތަކެއް ކަމަށްވާތީ އެ ބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޒުހައިރު ވިދާޅުވީ ދެ ސަރުކާރުގެ ދެމެދުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވީ ނަމަވެސް، އެ ގައިދީން ރާއްޖެ ގެންނާނެ ވަކި ތާރީހެއް މުޅިން ހަމަނުޖެހޭ ކަމަށެވެ.
"އެ ފަރާތުން [އެމެރިކާ ސަރުކާރުން] ހުށަހަޅާ ކަންތައް ދިވެހި ސަރުކާރުން ގަބޫލުކޮށްފަ އެންގެވީމަ އެ ފަރާތުން ބައްލަވާ ކަންތަކެއް ބައްލަވާފަ ތާރީހަކާ އެއްޗެހި ކަނޑައަޅުއްވާނެ ކަމަށް މި ބަލަނީ. އެހެންވީމާ އަދި ތާރީހެއް ކަނޑައެއް ނާޅުއްވާ،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވި ގޮތުގައި ރާއްޖެ ގެންނަން އުޅޭ ގައިދީންނާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ގުއަންޓަނާމޯ ބޭ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ މަޖިލީހުގެ މެމްބަރުންނަށް އެމެރިކާ އިން ވަނީ އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
އޭނާ ވިދާޅުވީ ގުއަންޓަނާމޯ ބޭއިން ގެންނަ ގައިދީން ރާއްޖޭގައި ތިބުމުގެ ހުރިހާ ހަރަދުތަކެއް ކުރަމުންދާނީ އެމެރިކާ ސަރުކާރުން ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި [ރާއްޖޭގައި އެ މީހުން ތިބޭ ތިބުމުގައި] ކަނޑައެޅޭ މުއްދަތަކަށް އެ މީހުންގެ ކަންތައް ބެލެމުންދާނީ. އެ މީހުންގެ ސެކިއުރިޓީ އާއި ހަރަކާތްތައް ހުންނަ ގޮތް ވެސް ދާނީ ބެލެމުން. އެ މުއްދަތަށް ފަހު އޭނާ އިހުތިޔާރުކުރާ ތިން ވަނަ ގައުމަކަށް ދިއުމާ ބެހޭ ގޮތުން މަޝްވަރާކުރުމުގެ މަރުހަލާއެއް ވެސް އެބަ އޮވޭ. މަޝްވަރާކޮށްގެން ގެންދަންޏާ އެކަމަށް އެދޭ ދައުލަތަކުން އެކަމުގެ ހަރަދުތައް ވެސް ދެއްވާނެ ކަމަށް ގަބޫލުކުރަނީ،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ ގުއަންޓަނާމޯ ބޭ އިން ގެނައި ކަމުގައި ވިޔަސް ގެންނާނީ ކުށުގެ އެއްވެސް ރެކޯޑެއް ނެތް މީހުން ކަމަށާއި އެ ގޮތުން ގެންނަ މީހަކު ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ނުގެންނާނެ ކަމަށެވެ.
"ގަވާއިދަކާ ހިލާފަށް އެކަން ކުރައްވާކަށް ސަރުކާރުން ނޫޅޭ. އެހެންވީމާ އެ [ގެންނަ] ބަޔަކު އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ޓްރެވަލް ޑޮކިއުމެންޓެއް އޮވެގެން އޭނާ އަންނަންޖެހޭނީ. އޭނާ އޮވެގެން ނުވާނެ އެއްވެސް ވޯންޓެޑް ލިސްޓެއްގައި. އޭނާގެ އޮވެގެން ނުވާނެ މުޖްރިމެއްގެ ގޮތުގައި ރެކޯޑެއް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އެމެރިކާގެ ސަރުކާރުން އެފަދަ މީހާއަކީ ކުށެއް ނެތް މީހެއް ކަމަށް ކަނޑައަޅާފަ އަދި ހަމަ އޭނާ އަށް ޓްރެވަލް ޑޮކިއުމެންޓެއް ލިބޭނެ ގޮތް ވެސް މެދުވެރިކުރައްވާފައި، ޕާސްޕޯޓެއް ފަދަ ލިޔުމެއް އޮވެގެން އޭނާ ދިވެހި ރާއްޖެ އަށް އައިސް ރާއްޖޭގައި ގަވާއިދާ އެއްގޮތަށް ވިސާ ހޯދައިގެން ހުންނަ ހުރުން ނުވާނެ ގާނޫނާ ހިލާފު ކަމަކަށް،" ޒުހައިރު ވިދާޅުވި އެވެ.
ގައުމީ ސަލާމަތާ ބެހޭ މަޖިލިސް އެކުލެވިގެންވަނީ، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާއި ހޯމްއެފެއާޒް މިނިސްޓަރު މުހައްމަދު ޝިހާބާއި އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލެވެ. މީގެ އިތުރުން ސިފައިންގެ ގާނޫނުގެ 31 ވަނަ މާއްދާގެ (ނ) އިން، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެ މަޖިލީހުގެ ބައްދަލުވުންތަކުގައި ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓެރީ އަބްދުﷲ ސައީދާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ރައީސް ނަޝީދު ވަނީ ހަމަޖައްސަވާފަ އެވެ.
މީގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ސިފައިންގެ ގާނޫނު ބުނާ ގޮތުން، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އެވެ.
ގުއަންޓަނާމޯ ބޭގެ ބައެއް ގައިދީން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ނިންމާފައި ވަނިކޮށް އެކަން ފަޅާއަރުވާލައި، އެ މައްސަލަ ބަލައިދިނުމަށް އެދި، ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުމާ ގުޅިގެން، ގައުމީ ސަލާމަތުގެ ކޮމިޓީ ބައްދަލުކޮށް ކުރި ދިރާސާތަކުގައި އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ބައެއް ވެރިން އެ ކޮމިޓީ އަށް ހާޒިރުކުރެއްވި އެވެ. އެ މައްސަލަ އާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ކުރި ދިރާސާތަކުގެ ރިޕޯޓް ނިންމައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިހާރު ވަނީ ފޮނުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ