ޕްރޮވިޑެންޓް ފަންޑުގެ ފައިސާ ހޯދަން އެއްފަހަރާ 600 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފި

ބުރާސްފަތި ދުވަހު ހެނދުނު ވެހެމުންދިޔަ ވާރޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ދޮރުމަތީގައި ކިޔޫ ޖެހިގެން ތިބެ، ޕްރޮވިޑެންޓް ފަންޑުގެ ފައިސާ ހޯދަން އެއް ފަހަރާ 600 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅައިފި އެވެ.
ސަރުކާރުން މިހާރު އުވާލާފައިވާ ޕްރޮވިޑެންޓް ފަންޑުގައި ހުރި 400 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާގެ ތެރެއިން ފައިސާ ނަގަން ބޭނުން މީހުންނަށް އެ ފުރުސަތު ޖުލައި ،1 2010 އިން ފެށިގެން ދޭ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ފައިސާ ނެގުމުގެ ބަދަލުގައި ބައެއް ދާއިރާތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ވެސް ފަނޑުގެ ބައިވެރިންނަށް ފިނޭންސް މިނިސްޓްރީން ދީފައިވެ އެވެ.
ފަންޑުން ފައިސާ ހޯދުމަށް އެދޭ ފޯމް ބުރާސްފަތިދުވަހު ހެނދުނު 00: 8 ހާއިރު ދޫކުރަން ފެށިތަނާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނަށް އެތައް ސަތޭކަ ބަޔަކު ޖަމާވުމުން އެތަނުން ކިޔޫ ނަންބަރު ހުސްވި އެވެ. އަދި ނަންބަރު ނުލިބި ގިނައިރުތަކެއް ވަންދެން ތިބެން ޖެހުމުން އެތައް ބަޔަކު އެކަމާ ޝަކުވާކުރި އެވެ.
"މިއަށް ވުރެ ފަސޭހަ ގޮތަކަށް މިކުރެވޭނެ ގޮތެއް ރޭވުން ބުއްދިވެރި. އަޅުގަނޑަށް ފެންނަނީ އެ މީހަކު ވަޒީފާ އަދާކުރާ އޮފީހަކުން މި ފޯމް ބަލައިގަނެ ފައިސާ ދޫކުރަން. އޭރުން މިގޮތަށް އައިސް ކިޔޫ ޖެހިގެން ތިބޭކަށް ނުޖެހޭނެ،" އެތަނުން ދިމާވި ކުރީގެ ހާއްސަ މަޖިލީހުގެ ގދ. މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.
ވެހެމުންދިޔަ ވާރޭގައި ފޯމް ހޯދަން ކިޔޫ ހަދައިގެން ތިބި މީހުންގެ ކައިރީ ހުންނަވައި ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއިލް ޝަފީގު ވިދާޅުވީ ކިޔޫ ދިގުވެ ނަންބަރުތައް ހުސްވާން ދިމާވީ އެއްފަހަރާ ގިނަ އަދަދެއްގެ މީހުން އައުމުން ކަމަށެވެ.
"މިއަދު ނޫނަސް އެ ފޯމް މިތަނުން ލިބެން ހުންނާނެ. އަދި އެ ފޯމް ބަލައިގަންނާނެ. އަޅުގަނޑުމެން ތާރީހު ޖަހާފައި ހުރި ނަންބަރުތައް ހުސްވީ. އެކަމަކު ފޯމް ދޫކުރެވެން އޮތް އެންމެ ގިނަ އަދަދަކަށް ދޫކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޝަފީގު ބުރާސްފަތިދުވަހު މެންދުރު ވިދާޅުވީ އެހާތަނަށް 600 އަށް ވުރެ ގިނަ މީހުން ފައިސާ ހޯދަން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.
"އަވަހަށް ފައިސާ ހޯދަން ނުވަތަ އެ ފައިސާ ހުސްވެދާނެހެން ހީވަނީކަން ނޭނގެ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު މިއަދު ދޫކުރި ނަންބަރުތައް ހުސްވަންދެން އެ ފޯމްތައް ބަލައިގަންނާނެ."
ފޯމް ހުށަހަޅަން ގޮސް ހުރި މުވައްޒަފެއް ކަމަށްވާ އިބްރާހިމް ވަހީދު ބުނީ ޕްރޮވިޑެންޓް ފަންޑުގައި ހުރި ފައިސާ ހޯދަން އިންތިޒާރުކުރާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އަދި އެކަން އެކި ފަހަރު މަތިން ސަރުކާރުން ލަސްކުރުމުން އެކަމާ މެދު ވަރަށް ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ފައިސާ ދޫކުރަން ނިންމިތާ މިހާރު އަހަރެއް މިވަނީ. އެކަމަކު އެކި ބަހަނާތައް ދައްކައިގެން ލަސްކުރަމުން ގެންދިޔައީ. ލައްކަ ދުވަސް ދެވިއްޖެ އެ މީހުންނަށް،" ވަހީދު ބުންޏެވެ.
ޝަފީގު ވިދާޅުވީ ޕްރޮވިޑެންޓް ފަންޑުން ފައިސާ ހޯދަން ހުށަހަޅާ މީހުންނަށް ހަތް ދުވަހާއި ދިހަ ދުވަހާ ދެމެދުގެ މުއްދަތެއްގައި ފައިސާ ދޫކުރާނެ ކަމަށެވެ. އަދި ފަންޑުން ފައިސާ ދޫކުރުން ހުއްޓާލާނީ ފައިސާ ލިބެން ޖެހޭ ބަޔަކަށް ދިނުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ