ފުލުހުންނަށް ރައީސް ނަޝީދު ދެއްވާނެ ބަޔާނެއް ނެތް: ވަކީލު މާރިޔާ

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ބަޔާނެއް ނެގުމަށް ފުލުހުން އެދުނު ނަމަވެސް، "ފުލުހުންނަށް ދޭނެ ބަޔާނެއް ނެތް" ކަމަށް އެ މަނިކުފާނުގެ ވަކީލު، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ."ރައީސް ނަޝީދު އެ ފުލުހުންނަށް ދެއްވާނެ ބަޔާނެއް ނެތް. ޕަބްލިކްލީ ވެސް އަޅުގަނޑުމެން ބުނަން އޮތީ ދެން އެހެން ބުނެގެން ޕްރޮސެކިއުޓް ކުރަންޏާ ކުރިއަށް ގެންދަންވީ. އަޅުގަނޑުމެން ގަބޫލުކުރާ ފަނޑިޔާރުގެތަކެއް ނުހުންނާނެ. ގަބޫލުކުރާ އިންސްޓިޓިއުޝަންތަކެއް ނެތް،" ނަޝީދުގެ އެންމެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާރިޔާ ވިދާޅުވި އެވެ. "ކުރީގައި އަމަލުކުރާ ގޮތަށް ތަޅައިގަނެގެން ބަޔާން ނަގަންޏާ އެކަން ކުރަންވީ."އޭނާ ވިދާޅުވި ގޮތުގައި، ނަޝީދުގެ ބަޔާނެއް ނަގަން ބޭނުންވާކަން ފުލުހުން އެންގީ، ނަޝީދަށާއި އެ މަނިކުފާނުގެ ސެކްރެޓަރީ އަށް ފުލުހުން ފޮނުވި އެސްއެމްއެސްއެއްގަ އެވެ."ފުލުހުންގެ ސުޕްރިންޑެންޓް ހަބީބު ފޮނުވި އެ އެސްއެމްއެސްގައި ވިދާޅުވެފައި ވަނީ، ހިނގަމުންދާ ތަހުގީގަށް ބަޔާނެއް ބޭނުންވެއޭ. އެހެންވެ ކުރީގެ ރައީސް ނަޝީދު މިތަނަށް [ފުލުސް އޮފީހަށް] ވަޑައިގަންނަވަނީތޯ ނުވަތަ ތިމަންނަމެން ބަޔާން ނަގަން ދާންވީތޯ އެސްއެމްއެސްގައި ވަނީ. ދެން ވިދާޅުވެފައި އޮތީ، ބަޔާން ނަގަން ދާ ކަމަށް ވަންޏާ ފުލުހުންގެ ސޭފްޓީ އަށް ގެރެންޓީ ދޭންޖެހޭނެ އޭ،" މާރިޔާ ވިދާޅުވި އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ފުލުހުން އެދިފައިވާނީ، ނަޝީދު ބޭނުންފުޅުވާ ތަނަކަށް، އެ މަނިކުފާނު ބޭނުންފުޅުވާ ވަގުތަކަށް ފުލުހުން ގޮސް ބަޔާނެއް ނެގުމަށް ކަމަށެވެ."އެއީ ރައީސް ނަޝީދަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ އެ މަނިކުފާނަށް އިހުތިރާމްކުރުމުގެ ގޮތުން އެ ގޮތަށް ހެދީ،" އޮފިޝަލް ވިދާޅުވި އެވެ.އެހެން ނަމަވެސް އޭނާ ވިދާޅުވީ، ނަޝީދުގެ ފަރާތްޕުޅުން އަދި އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނަޝީދު ހައްޔަރުކުރުމަށް ވެސް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވޮރަންޓެއް ނެރުނެވެ. އެކަމަކު ފުލުހުން އެއަށް އަމަލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ