މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން އެޗްއާރްސީއެމް އިން ތަހުގީގުކުރަން ފަށައިފި

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.
މާފުށީ ޖަލުގައި މިއަދު ހިނގި ހަމަނުޖެހުން ތަހުގީގުކުރަމުން އަންނަކަން އެޗްއާރްސީއެމް އިން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން ކުރި ޓުވީޓެއްގައެވެ.
މާފުށީ ޖަލުގައި މިއަދު ގައިދީއަކަށް ހަމަލާދިނުމުގެ ސަބަބުން އޮފިސަރަކަށް ވަނީ އަނިޔާވެފައެވެ. އެ އޮފިސަރަށް އަނިޔާ ލިބުމުގެ ސަބަބުން މާލެ ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އަހްމަދު ނަސީމް "ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ގަދީއަކު ހަމަލާދީފައިވަނީ ޖަލުގެ ގޮޅިއެއް ބެލުމަށް އޮފިސަރުންތަކެއް އެ ގޮޅިއަށް ވަނުމުން ކަމަށާއި އެވަގުތު ގައިދީއަކު އޭގެ ތެރެއިން އެއް އޮފިސަރަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެ އޮފިސަރަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އެނގޭނީ މާލެ ގެނެސް، ޑޮކްޓަރަށް ދެއްކުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މާފުށީ ޖަލުގައި ގައިދީންތަކަކަށް އަނިޔާކުރަމުންދާ ކަމަށް ސޯޝަލް މީޑިއާގައި ދަނީ ހަބަރުތަކެއް ފެތުރެމުންނެވެ. އެކަމާ ގުޅޭގޮތުން ނަސީމް ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ