މަޖިލިސް ރައީސްކަމަށް ޝައުގުވެރިކަމެއް ނެތް، އަސްލަމަކީ މަޤްބޫލު ބޭފުޅެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށާއި، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި މިހާރުވެސް އިންނެވި މުހައްމަދު އަސްލަމަކީ މަޖިލިސް ރައީސްކަމަށް މަޤްބޫލު ބޭފުޅެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސްޕަ މެޖޯރިޓީ އޮތް ނަމަވެސް މަޖިލިސް ރައީސްކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމުގައެވެ. ނަމަވެސް މަޖިލިސް ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމުގައިވެސް ތިއްވުން އެދިވަޑައިގަންނަވަނީ އެމްޑީޕީގެ މެމްބަރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި މަޖިލީހުގެ ރައީސްކަމަށް ޤާބިލް ބޭފުޅުން އެމްޑީޕީގައި އެބަތިއްބެވިއެވެ. އެގޮތުން އެމަޤާމަށް އަސްލަމް ގެންނެވުމަށް ތާއީދު ކުރައްވާކަން ރައީސް ނަޝީދު މިރޭ ހާމަ ކުރެއްވިއެވެ.
"އެތައް ދުވަހަކު މަޖިލީހުގައި ތިއްބަވާފައި ތިބި މެމްބަރުން. މީގެ ކުރިންވެސް މަޖިލީސް މެމްބަރުކަން ކުރައްވާ، މިހާރު އައްޑޫ ހިތަދޫގެ ގޮނޑިއެއްގައި އިންނެވި އަސްލަމް އެއީ އަޅުގަނޑުމެން ތެރޭގައި މަގުބޫލް ބޭފުޅެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސްކަމަށް އަސްލަމް ގެންނެވުމަށް ރައީސް ނަޝީދު ތާއީދު ކުރެއްވިއިރު މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް ދެން އުފެދޭ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އެންމެ ޤާބިލް ބޭފުޅަކީ އަސްލަމްކަމަށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގެންދިޔައީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ