ޔާމީން ފެއްޓެވި ޑޮކްޓަރުކަން ކިޔަވައި ދިނުމުގެ ޕްރޮގްރާމަށް ރައީސް ޞާލިހް ތައުރީފް ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވޭނެ ގޮތް ހެއްދެވުމަށް ފެއްޓެވި ޕްރޮގްރާމަށް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ތައުރީފް ކުރައްވައިފިއެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެއްޓެވި ފެއްޓެވުމަށް ރައީސް ޞާލިހް ތައުރީފް ކުރެއްވީ ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.
ޔާމީންގެ ނަން ފާހަގަ ނުކޮށް ނަމަވެސް ޑޮކްޓަރުކަން ރާއްޖޭގައި ކިޔަވައިދޭން ފެއްޓެވި ފެއްޓެވުމަށް ތައުރީފް ކުރައްވާ ރައީސް ޞާލިހް މިރޭ ވިދާޅުވީ މީހުން ބިނާކުރުމުގައި، ގައުމީ ޔުނިވަރސިޓީން އަދާކުރަމުން އަންނަނީ، ވަރަށް އުންމީދީ ދައުރެއް ކަމަށެވެ.
"މިދިޔަ އަހަރުގެ ތެރޭގައި މެޑިކަލް ފެކަލްޓީއެއް ޤާއިމުކޮށް، މިހާރު 23 ދަރިވަރަކު އަންނަނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރަމުން. އަދި މި މަހުގެ ތެރޭގައި ދެވަނަ ބެޗް ފެށިގެންދާއިރު، އިތުރު 30 ދަރިވަރުން ބައިވެރިވާނެ." ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ ގައުމީ ޔުނިވަރސިޓީ އުފެދިގެން އައީވެސް، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން ކަމަށެވެ. ޤައުމީ ޔުނިވަރސިޓީގެ ބިންގަލަކީ، މީގެ 46 އަހަރު ކުރިން، 1973 ވަނަ އަހަރު އުފެއްދި، އެލައިޑް ހެލްތު ސަރވިސް ޓްރޭނިންގ ސެންޓަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް މީހުން ބިނާކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ގައުމީ ޔުނިވަރސިޓީ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގައި ތިބެގެން ހިލޭ މެޑިސިން ހެދޭނެގޮތް ހަމަޖެހިފައިވާތީ، ޑޮކްޓަރުން ބިނާކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ، އެތައް ގުނައެއް ކުޑަވެއްޖެ. މިހާރު ފަށާފައިވާ މެޑިސިން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް، އެކި ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން އުފެއްދުމަކީ، މި ޔުނިވަރސިޓީއާމެދު ދިވެހި ރައްޔިތުން މިހާރު ކުރާނެ، އެންމެ ފޮނި އުންމީދު." ރައީސް ޞާލިހް ވިދާޅުވިއެވެ.
ރާޢްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވޭނެ ފުރުސަތު ޔާމީންގެ ސަރުކާރުން ފަހިކޮށްދެއްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯއެއްގައި މެޑިކަލް ކޮލެޖްގެ ކެމްޕަަސް ބިނާ ކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ