ބައެއް ފަހަރު އޮޅުން އަރައިގެން އެބަ ހިތަށްއަރާ އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ސްޕްރީމް ކޯޓޭ: ނަޝީދު

ފަހަކަށް އައިސް އަޅުގަނޑުމެންނަށް ބައެއް ފަހަރު އޮޅުން އަރައިގެން އިންސާފު ގާއިމުކުރާ އެންމެ މަތީ ފަރާތަކީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓޭ ހިތަށް އަރާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އާދިލު ސަލީމުގެ ކެމްޕޭން ދަތުރުފުޅުގައި މިއަދު ހަވީރު މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެއްވެސް އިރެއްގައި އިންސާފު ގާއިމުކުރާ އެންމެ މަތީ ފަރާތަކީ އެހެން ފަރާތެއް ނޫން ކަމަށާއި ރައްޔިތުން ގެނައި ވެރިކަމެއް ކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
''އެއްވެސް އިރެއްގައި އިންސާފުގެ އެންމެ މަތީ ފަރާތަކީވެސް އެހެން ފަރާތެއް ނޫން. އެއްވެސް ކަމެއްގެ އެންމެ މަތީ ދިވެހި ދައުލަތުގެ އެންމެ މަތީ ފަރާތަކީ އަބަދުވެސް ރައްޔިތުން. މިފަހަކަށް އައިސް އަޅުގަނޑުމެންނަށް ބައެއް ފަހަރު އޮޅުން އަރައިގެން އެބަ ހިތަށް އަރާ އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓޭ. އަޅުގަނޑަށް ގާނޫނު އަސާސީން ފެންނަނީ ދިވެހި ދައުލަތުގެ ދިވެހި ރާއްޖޭގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން.'' ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓު ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ސަރުކާރުން މާފުށީ ބަނދަރުން ބައެއް ހިއްކާނެ ކަމަށް ކުރާ އުންމީދު ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި މާފުށީ ބަނދަރު ހެދުމަކީ ސަރުކާރުގެ އެއްވެސް ޒިންމާއެއް އޮތްކަމެއް ނޫން ކަމަށެވެ.
''މާފުށީ ފަޅުތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއްގެ ވާހަކަ އެބަ އަޅުގަނޑުމެން ދައްކަން. މިކަން ސަރުކާރުން މާފުށީ ރައްޔިތުންނަށް ކޮށްދޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭކަމަށް މާފުށީ ބައެއް ބޭފުޅުން އަޅުގަނޑު ގާތުގައި އެބަ ބުނޭ. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުން އިންތިޒާރުގައި ތިއްބެވުން ހުއްޓަވާލައްވާށޭ. އަމިއްލައަށް ތިޔަކަމާ އުޅުއްވާށޭ. އަޅުގަނޑުމެން އެޖެންޑާ 19 އިން ކުރާ އެންމެ މުހިންމު ކަމަކީ މާފުށި، މާފުށީ ރައްޔިތުންނަށް ދިނުން.'' ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ހުރިހާ މިލްކާއި ހުރިހާ ރުއް ގަހަކާއި ފަޅާއި ފަޅުގައިވާ ހުރިހާ ތަނަކާއި އަދި ރަށުގައިވާ ހުރިހާ ތަނެއް މާފުށީ ރައްޔިތުންނަށް އެޖެންޑާ 19 ގެ ދަށުން ދޭނެ ކަމަށެވެ. އަދި މާފުށީ ބިން ހިއްކުމާއި ރަށުގެ ހުރިހާ މަސައްކަތެއް އޭގެ ފަހުން ކުރާނީ ކައުންސިލުން ކަމަށް ވިދާޅުވިއެވެ.
އަދި ބިން ހިއްކަން ހަރަދުވަނީ އަކަފޫޓެއް 27 ރުފިޔާއަށް ކަމަށާއި މިއަދު މާފުށީ ބިމުގައި އަކަފޫޓެއްގެ އަގު ހުރީ ފަނަރަ ސަތޭކަ ރުފިޔާއަށް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން ބިން ހިއްކުމަކީ އެއްވެސް ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ