ސްވިމިން ޕޫލް އަޅަން ބިން ހަމަޖެހިއްޖެ

އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމުގެ ވައުދު ފުއްދަން މާލޭން ބިމެއް ހަމަޖެހިއްޖެ ކަމަށާއި މި މަހުގެ 26 ވަނަ ދުވަހު އެ މަސައްކަތް ރަސްމީކޮށް ލޯންޗްކުރާނެ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޕޫޅެއް އެޅުމެއް މިދިޔަ ހަތަރު ސަރުކާރުން ވެސް އެކި ޕްލޭންތައްކޮށްފައިވެ އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ ކުރިއަށްގޮސްފައެއް ނުވެ އެވެ. އެއާ އެކު، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ކުޅިވަރު ވައުދަކަށް އޮތީ ޕޫލެއް އެޅުމެވެ.
ސަތޭކަ ދުވަސް މި މަހުގެ 27 ގައި ހަމަވުމުގެ ކުރިން، ބިން ހަމަޖެހިފައިވާއިރު ދެން އޮތީ ޕޫލް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކުރުމެވެ. އެ ހުރިހާ ތަފްސީލްތަކާ އެކު، ޕޫލްގެ ޕްލޭން މި މަހުގެ 26 ގައި އިއުލާންކުރާނެ އެވެ.
ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، މުނިއުފާ ޔޫތު ސެންޓަރުގައި ހުރި ޓޭބަލް ޓެނިސް ހޯލް މަރާމާތަށް ފަހު މާދަމާ ހުޅުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ މަސައްކަތަކީ ސްޕޯޓްސް މިނިސްޓްރީ އާއި ޗައިނާގެ ބަޔަކު ގުޅިގެން ކުރި މަސައްކަތެކެވެ. ޓީޓީ ކުޅޭނެ އެކަށީގެންވާ ތަނެއް ނެތުމުގެ ސަބަބުން އެ ކުޅިވަރު ކުރިއަށްގެންދަން ވެސް ދަތިތަކެއް ދިމާވި އެވެ.
އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް އަހަރަކު މަދުވެގެން 500،000ރ. ގެ ބަޖެޓެއް ދިނުމާއި ގައުމީ ކުޅުންތެރިންގެ މުސާރަތައް ހަމަހަމަކުރުމުގެ ވައުދު ވަނީ ފުއްދައިފަ އެވެ.
މީގެ ތެރެއިން އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލެއް އެޅުމަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ފެތުމުގެ މުބާރާތްތައް ބާއްވަން ފެށީއްސުރެ ފެތުންތެރިން ދެކެމުން އައި ހުވަފެނެކެވެ. ގައުމީ އެތުލެޓިކްސް ޓީމުގެ ފަރިތަކުރުންތަކާއި އަދި މުބާރާތްތައް ވެސް ބާއްވަމުން އަންނަނީ މާލޭ ދެކުނު ފަރާތު ފަޅުތެރޭގަ އެވެ. ލޮނުގައި ފަރިތަކުރުމަށް ފަހު ޕޫލުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރަން ޖެހުމުން އޭގެ ސަބަބުން ޕާފޯމަންސަށް އަސަރުކުރެ އެވެ. އެއަށް ވުރެ ބޮޑަށް ވެސް ފެތުންތެރިންގެ ޝަކުވާ އަކީ ކުނިބުންޏާއި ތެޔޮ އެޅި ކިލަނބުވެފައިވާ އަދި މާލޭގެ އާއްމުންނަށް ވެސް ބޭނުންކުރަން އޮންނަ ތަނެއްގައި ފަތައި މުބާރާތްތަކުގައި ވާދަކުރަން ޖެހުމެވެ. އަދި އެތަނުގައި މުބާރާތް ބާއްވާއިރު އިދާރީ ކަންކަމާއި އިނާމް ދިނުން ބާއްވަން ޖެހެނީ ޕޭމަންޓްމަތީގައި ނުވަތަ މަގުމަތީގަ އެވެ.
ފެތުމަކީ ރާއްޖޭގައި މަތީ ފަންތީގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އެކަށީގެންވާ ވަސީލަތެއް ނުލިބޭ ހަމައެކަނި ކުޅިވަރެވެ. މީގެ އިތުރުން ފަހަކަށް ރާއްޖޭގެ ފެތުންތެރިން ބައިނަލްއަގްވާމީ މައިދާނުގައި ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު، ރަނގަޅު ފެންވަރުގެ ވަސީލަތެއް އެ އެތުލީޓުންނަށް ފުރިހަމަކޮށްދޭން ކުޅިވަރުގެ ވަރަށް ގިނަ ފަރާތްތަކުން އައީ ގޮވާލަމުންނެވެ.
ކުރީގެ ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން އެޗްޑީސީން ހުޅުމާލޭގައި ބިނާކުރަމުން އަންނަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި ވެސް ޕޫލެއް އޮންނާނެ އެވެ. އެކަމަކު އެތަން ބޭނުންކުރެވޭނީ ތަމްރީންތަކަށެވެ. ސަބަބަކީ މުބާރާތް ބާއްވާ ނަމަ ވޯމްއަޕް ޕޫލެއް އޮންނަން ޖެހުމާއި އަދި ވަކި މިންތަކެއް ވެސް ހަމަވާން ޖެހުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ