ރައީސް ޔާމީން ހުންނެވީ ސާބިތުކަންމަތީ، ސަޕޯޓަރުންގެ ސަފުތައް ބަދަހިކޮށްގެން ތިބުމަށް އެދިވަޑައިގެންނެވި: ވަކީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުންނެވީ ވަރަށް ސާބިތުކަންމަތީ ކަމަށާއި ސަޕޯޓަރުންގެ ސަފުތައް ބަދަހިކޮށްގެން ތިބުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒް ވިދާޅުވެއްޖެއެވެ.
ސިޔާޒް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް އިއްޔެ މާފުށީ ޖަލަށް ވަނީ ގެންގޮސްފައެވެ.
ސިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ހުރިހާ ސަޕޯޓަރުން ވެސް ހިތްވަރު އާކޮށް އަޒުމު ވަރުގަދަކޮށް، ސަފުތައް ބަދަހިކޮށްގެން ތިބުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
"ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަންމަތީގައި. ހުރިހާ ސަޕޯޓަރުން ވެސް ހިތްވަރު އާކުރައްވައި އަޒުމު ވަރުގަދަކޮށް، ސަފުތައް ބަދަހިކުރައްވައިގެން ތިއްބެވުމަށް އެދިވަޑައިގެންނެވި. އަދި އުންމީދަކީ އިންޝާﷲ، ވީ އެންމެ އަވަހަކަށް ސަޕޯޓަރުންނާ ބައްދަލުވުން ކަމަށް ވެސް ވިދާޅުވި،" ސިޔާޒް ވިދާޅުވިއެވެ.
ރައީސް ޔާމީން ހައްޔަރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ