ރައީސް ޔާމީން އަނެއްކާވެސް އެޑްމިޓް ކޮށްފި

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދީ މިއަދު ހެނދުނު ދޫކޮށްލުމަށްފަހު އަނެއްކާވެސް މިރޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.
މަނީލޯންޑްރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން ޖަލަށް ލާފައިވަނީ މި މައްސަލާގެ ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީ ކްރިމިނަލް ކޯޓުންކުރި އަމުރަކާއި ގުޅިގެންނެވެ. މިއީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޖަލަށް ލެވުނު ފަހުން ރައީސް ޔާމީން އެޑްމިޓް ކުރެވުނު ތިން ވަނަ ފަހަރެވެ.
އެންމެ ފަހުން ރައީސް ޔާމީން އެޑްމިޓް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ހިތުގެ މައްސަލައެއްގައި ރައީސް ޔާމީނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވަނީ މިއަދު އެވެ. އެއާއެކު މިއަދު ހެނދުނު ރައީސް ޔާމީން އަނެއްކާވެސްވަނީ މާފުށީ ޖަލަށް ބަދަލު ކޮށްފައެވެ.
މީގެ ކުރިން ރައީސް ޔާމީން މިދިޔަ މަހުގެ 18 ވަނަ ދުވަހު ޖަލަށް ގެންދެވުނު ފަހުން މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް ހޮސްޕިޓަލަށް ގެނެވި އެޑްމިޓްކޮށްގެން ފަރުވާ ދީފައި ވެއެވެ. އަދި ރައީސް ޔާމީން އަނބުރާ ލަޖަށް ބަދަލުކޮށްފައިވަނީ މިިދޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީލޯންޑްރީ ކުރުމުގެ އިތުރުން އެކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމަތު ދިނުމުގެ ކުށުގައެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި ރައީސް ޔާމީން ހުންނެވީ، ރައީސް ޔާމީންގެ ވެރިކަމުގައި ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްވެސް ބަންދުގައި ބަހައްޓާފައި ހުންނެވި ގޮޅީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ