ބޮޑު ޒީރޯ ޓޮލަރެންސްގެ ތެރެއިން ބޮޑު ޚާއިނު އެމްބަސީގައި ފިލުވި މައްސަލަ ތަހުގީގުކުރެވެންޖެހޭނެ: ޔާމީން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާ ޒީރޯ ޓޮލަރެންސްގެ ތެރެއިން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފިލުވައިގެން ގެންގުޅުނު މައްސަލަ ތަހުގީގު ކުރެވެންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ''ފޭރުމާ ދެކޮޅަށް'' ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު އަބްދުﷲ ލުތުފީ ލަންކާގެ ދިވެހި އެމްބަސީގައި ފިލުވައިގެން ގެންގުޅުމަކީ ގައުމީ ބަތޮލުންނަށް ކުރި މަލާމާތެއް ކަމަށާއި އެމައްސަލަ ރައީސް ސޯލިހުގެ ސަރުކާރުގެ ޒީރޯ ޓޮލަރެންސްގެ ތެރެއިން ތަހުގީގު ކުރެވެންޖެހޭނެ ކަމަށެވެ.
ޔާމީން ވިދާޅުވީ ދިވެހި ބަހުގެ ރަދީފުގައި ބުނާގޮތުންނަމަ ލުތުފީގެ ނަމަށް އިތުރުކޮށްލަން މިހާރު އެންމެ ގާތް ބަހަކީ ޓެރަރިސްޓް ކަމަށެވެ. އަދި ރާއްޖެ ދުށް އެންމެ ބޮޑު ޚާއިނު ބޮޑު އެމްބަސީގައި ފިލުވައިގެން ދެމަސްދުވަހު ގެންގުޅުމާއި އޭނާ ހައްޔަރުކޮށްގެން އަނބުރާ ރާއްޖެ ނުގެނެވުނު މައްސަލައިގައި ދިވެހި ސަރުކާރުން ޖަވާބުދާރީވާންޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"މީނައަށް، ލުތުފީއަށް އެންމެ ގާތް ކުރެވޭ ބަހަކަށް މި އޮންނަނީ ޓެރަރިސްޓެކޭ، ހާއިނެކޭ، އޭނާ ކުރި ބަޣާވާތަކުން ސަރުކާރު ވެއްޓުމާއި ނުވެއްޓުމަކީ ސިޔާސީ ކަމެއް، އެކަމަކު އޭނާއަކަށް ހައްގެއް ނުލިބޭ ބައެއްގެ ލޭ އޮހޮރުވަން، ލުތުފީއަކީ ބޮޑު ޓެރަރިސްޓެއް. ބޮޑު ބާޣީއެއް، ބޮޑު ޚާއިނެއް. މީގެ ކުރިން ފޮރިން މިނިސްޓްރީންނާއި ފުލުހުން ނެރުނު ބަޔާނުތަކުން ހީވި މިއީ އދ. އިން ސިލޯނަށް ކަނޑައަޅުއްވާފައި ހުރި އެންވޯއީއެއް ކަމަށް. ޑިޕްލޮމެޓިކް ހުރިހާ އިމްތިޔާޒެއް ލިބިގެން މީނަ ލަންކާގައި އުޅެނީ އދ. ގެ އިމްތިޔާޒުތައް ލިބިގެންވާކަށް.'' ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްބަސީގައި ލުތުފީ ފިލުވި މައްސަލައިގައި ރައްޔިތުން އުޅެންޖެހުނީ ކަށިކުނބުރު ވަލެއްގެ ތެރޭގައި ކަމަށާއި ޒިންމާދާރު ސަރުކާރެއްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް އޮޅުވައި ނުލައްވާނެ ކަމަށެވެ.
އަދި ދެމަސްދުވަސް ވަންދެން ލުތުފީ އެމްބަސީގައި ފިލުވައިގެން ގެންގުޅުނު މައްސަލައިގައި ސަރުކާރުން ރައްޔިތުންނަށް ހެޔޮ އެދޭނަމަ އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ލުތުފީއަށް އެބްސީގައި ފިލައިގެން ނޯވެވޭނެ ކަމަށާއި އަދި ފުލުހުންނަށް ވެސް އޭނާ ފިލުވައިގެން ނުގެންގުޅެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މަގާމުގެ ނުފޫޒު ބޭނުން ކުރުމަކީ ކޮރަޕްޝަން ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މިސަރުކާރުގެ އިސްވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލުތުފީއަށް މަންފާތަކެއް ހޯދައިދީފި ކަމަށާއި ލުތުފީ ކަހަލަ ބޮޑު ޚާއިނަކަށް ސަރުކާރުން އެއްބާރުލުން ދިނުމަކީ ތިލަދުންމައްޗަށް އުފަންވެވަޑައިގެންވި ބޮޑުތަކުރުފާނު ފަދަ ބަތޮލުންނަށް ސަރުކާރުން ކުރި މަލާމާތެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ