ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރެއްވި ވެރިއަކީ ރައީސް ޔާމީން

ރައީސް އަބްދުﷲ ޔާމީން ވަނީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިގްތިސާދުގައި ބިޔަ ބޮޑެތި ފިޔަވަޅުތަކެއް ކުރިއަށް ޖައްސުވާލާފައެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭ ރާއްޖޭގެ އެތަކެއް ރަށެއްގައި ނަރުދަމާ އާއި ބަނދަރުތައް އަޅުއްވައި އެތަކެއް އަތޮޅުތަކެއްގައި އާ އެއާޕޯޓްތަކެއް އެޅުއްވި އިރު، ފަތުރުވެރިކަމުގެ ދާއިރާ ވަނީ އިތުރު ފަންތިއަކަށް ޖައްސުވައި ރާއްޖޭގައި އެތަކެއް ވަޒީފާތަކެއް އުފައްދަވާފައެވެ. ރައީސް ޔާމީންގެ ދައުރުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ޖީއެމްއާރް އަތުން ރާއްޖޭގެ އެންމެ ބޮޑު ހަރުމުދާ ކަމަށްވާ ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ހުޅުލޭ އިންޓަނޭޝަނަލް އެއާޕޯޓް އަތުލައި ރާއްޖޭގެ ބެލެނިވެރިކަމަށް އެ މުހިންމު ބިނާ އަނބުރާ ހޯއްދެވުމެވެ. އަދި ޒަމާނީ ފެންވަރަށް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައި، އެއާޕޯޓްގައި މިވަނީ އާ ކޯޑް އެފްގެ ރަންވޭއެއްވެސް ބިނާކޮށްދެއްވާފައެވެ. އެއާއެކު، ރާއްޖޭގެ އެއާޕޯޓް ނުހަނު ބާރުބޮޑުވެ އޮޕަރޭޝަންތަކަށް އުނދަގޫތަކެއް ކުރިމަތިވި ދަނޑިވަޅުގައި، އެއާޕޯޓަށް އިންތިހާއަށް މަތިންދާބޯޓް ޖެއްސުމުގެ މަގު ތަނަވަސްކޮށްދެއްވިއެވެ. ރައީސް ޔާމީންގެ ދައުރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ގެނެސްދެއްވި ތަރައްޤީ އާއެކު އެއާޕޯޓްގައި އެކަނިވެސް އެތަކެއް ފުރުސަތުތަކެއް އެވަނީ ތަނަވަސްކޮށްދެއްވާފައެވެ. އެގޮތުން ވާޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ އަދި މަސައްކަތުގެ ވެށި ކުރިއާއި އަޅާބަލާ މާ ބޮޑުތަން ރަނގަޅުކޮށްދެއްވާފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ފަސް މިލިއަނަށް އިތުރުކުރުމަކީ އެމަނިކުފާނުގެ އަމާޒަކަށްވީ ކަމެކެވެ އެގޮތުން ހުވަދު އަތޮޅުގައި އެކަނިވެސް ދިހަ ހާސް އެނދުގެ ކެޕޭސިޓީއެއް އުފައްދަން ތައްޔާރުކުރިއިރު ފަތުރުވެރިކަމުގެ ޒޯނެއް ތަރައްޤީކުރައްވައި އެ އަތޮޅުގެ ބައިނަލްއަގްވާމީ އެއާޕޯޓާ އެކު ސީޕްލޭންގެ ޚިދުމަތް ދިނުމުގެ ހަބެއްވެސް ތަނަވަސްކޮށްދެއްވާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނުދެއްވިއެވެ. ރާއްޖޭގެ އުތުރަށް ބަލާލާއިރު، އިހަވަންދިއްޕޮޅުގައި ފަތުރުވެރިކަމުގެ ޒޯނެއް ތަރައްޤީކުރައްވާ އެތާނގައި ބައިނަލްއަގްވާމީ އެއާޕޯޓަކާ އެކު އެ ސަރަހައްދަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމުގެ މަޝްރޫޢެއް ފެއްޓެވިއެވެ. އޭގެ އިތުރުން ހއ. އަދި ހދ. ނިސްބަތްވާގޮތަށް ދެ އަތޮޅުގައި 3،000 އެނދުގެ ކެޕޭސިޓީއެއް އުފައްދަވައި ލާމެހިފައިވާ ފަތުރުވެރިކަމުގެ ނިޒާމެއް ކުރިއަރުވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ ތަނަވަސް ފަރާތްތަކަށް އަމާޒުކޮށް ފ. އަތޮޅުގައިވެސް ލާމެހިފައިވާ ފަތުރުވެރިކަމުގެ މައި މަޝްރޫޢެއް ފެއްޓެވުމަށް ގިނަ ދިރާސާތަކެއްކޮށް ގިނަ ގުނަ ޕްލޭންތަކެއް ހެއްދެވިއެވެ. ބައިނަލްއަގްވާމީ ރާޅާއެޅުމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ނަން ދުނިޔޭގެ ޗާޓުތަކުގައި ރަން އަކުރުން ފަވާލެއްވުމަށް ހުޅުމާލޭ ޔޫތު ސިޓީގެ އިރުމަތީ ސަރަހައްދުގައި އާޓިފިޝަލް ރާޅާއެޅުމުގެ ޒޯނެއް ތަރައްޤީކުރެއްވުމަށް ހަމަޖެހެިފައިވާ އިރު، އެއާއެކު، މާލެ ސަރަހައްދުގެ ޒުވާނުންނަށްވެސް އަބަދުމެ އަބަދު ރާޅާއެޅުމުގެ ފުރުސަތު ތަނަވަސްވެ، އެ ސިޓީގައި ދިރިއުޅޭ ޒުވާނުންނަށްވެސް އެތަކެއް ވަޒީފާތަކެއް އުފެއްދި ދާނެކަމުގެ އުއްމީދުތަކެއް ގެންގުޅުއްވިއެވެ. އަދި ގްރޭޓާރ މާލެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް އެ ސަރަހައްދުގައި ބައިނަލްއަގްވާމީ ވޯޓާރ ތީމް ޕާކެއް ގާއިމްކުރެއްވުމުގެ މަސައްކަތް ފައްޓަވާ ކުރިއަށްގެންދިޔައެވެ. އަދި އެއާއެކު ހިތްގައިމު އަރާމު އާއިލީ ވަގުތުކޮޅުތަކެއް ހޭދަކޮށްލުމަށް ދިވެހި އާއިލާތަކަށް އަމާޒުކޮށް ދިވެހިވަންތަ ސިފަތައް އެކުލެވޭ ޒަމާނީ ޕާކުތަކެއްގެ މަގު ތަނަވަސްކޮށްދިނެވެ. އޭގެ އިތުރުން ހުޅުމާލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ ކްރޫސް ޓާމިނަލް އާއެކު ހުޅުމާލެއަށް ކްރޫސް ލައިނާރ ތަކުގައި ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް އިންތިހާއަށް އިތުރުވެ ހުޅުމާލޭގެ ވިޔަފާރިތަކުގެ ނަފާ އިންތިހާއަށް ލިބިގެންދާނެއެވެ. އަދި އެއާއެކު އިގްތިސާދަށްވެސް އެތަކެއް ކުރިއެރުންތަކެއް ލިބިގެން ދާނެއެވެ. މާލޭގައި މަތީ ފެންވަރުގެ ސިޓީ ހޮޓަލްތަކެއް ބިނާކުރުމަށް ހަމަޖެހިފައިވާ އިރު، ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ފައިދާތައް ހުރިހާ އަތޮޅަކަށްވެސް ބަހާލުމަށް ގެސްޓް ހައުސް އަދި ސިޓީ ހޮޓަލުގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. އޭގެ އިތުރުންވެސް، އަތޮޅުތެރޭގައި ފަތުރުވެރިކަން ތައާރަފްކުރުމަށް އާންމު ބިނާތައް އަޅުއްވައި، ގެސްޓް ހައުސް ވިޔަފާރި ކުރިއެރުމުގެ ފުރުސަތު ބޮޑު ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރެއްވުމުގެ މަސައްކަތްތަކެއް ކުރެއްވިއެވެ. ފަތުރުވެރިކަމުގެ ފައިދާ މުޅި ރާއްޖެއަށް ފޯރުކޮށްދެއްވުމުގެ ނިޔަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތޮޅުތަކަށް ފަސޭހަކަމާ އެކު ދަތުރުކުރުމަށް އެތަކެއް ޑޮމެސްޓިކް އެއާޕޯޓްތަކެއް ގާއިމްކޮށްދެއްވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރުވެސް، ފެނިގެންދިޔައީ ރޭވުންތެރިކަމާއި އެކަންކަން ކުރެވޭނެ މަގު ފަހި ކޮށްދެއްވި މަންޒަރެވެ. މިއާއި ޙިލާފަށް މިއަދު ފެނިގެންދަނީ އެއްވެސް ރޭވުންތެރިކަމެއްނެތި ބައިނުން ކެނޑިގެންދާ ގުޑިއެއްގެ މިސާލެވެ. އެ މީހުންގެ އެންމެ އަވަށްޓެރި ބަހުން ބުނާނަމަ ކަޓީޕަތަންގްގެ އުސޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ