ބޭރު މީހުންނަށް ރަށްވެހިކަން ދިނުމާމެދު ގޮތް ނިންމާނީ ރައްޔިތުން - އާދަމް ޝަރީފް

ދިވެހިން ނޫން ފަރާތްތަކަށް ރަށްވެހިކަން ދިނުމުގައި ހުރިހާ ރައްޔިތުންގެ އަޑު އިއްވަން ޖެހޭ ކަމަށާއި މި ކަމާއި މެދު ގޮތް ނިންމާނީ ރައްޔިތުން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ބިދޭސީންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދިނުމަށް ޤާނޫނު އަސާސީއަށް ބަދަލުގެންނަން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތެއް ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދީފައި ވަނިކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ދިފާއީ ވަޒީރުކަންވެސް ކުރެއްވި އާދަމް ޝަރީފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީނަށް ރަށްވެހިކަން ދިނުމަކީ މުޅި ގައުމިއްޔަތު ފުނޑުފުނޑު ވެގެން ދާނެ ކަމެއް ކަމަށެވެ.
"ބިދޭސީންނަށް ރައްވެހިކަން ދިނުމަކީ މުޅި ގައުމިއްޔަތު ފުނޑުފުނޑު ވެގެން ދާނެ ކަމެއް, ނަސްލީ ހަމަނުޖެހުމުގެ ހާއްޔަކަށް ގައުމު ބަދަލުވެގެން ދާނެ ކަމެއް, ދިވެހި ރާއްޖޭގައި ދިވެހިން އިތުރަށް ބީރައްޓެހި ވާނެ ކަމެއް " އާދަމް ޝަރީފް ވިދާޅުވިއެވެ.
ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަށް ތާއިދުކޮށް އާޒިމް ޓްވީޓް ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އާޒިމަށް ރައްދު ދިން ގިނަ މީހުން ވަނީ ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ދެކޮޅު ހަދާފައެވެ.
މުސްލިމުން ނޫން މީހުންނަށް ރާއްޖޭގެ ރަށް ވެހިންނަށް ނުވޭ ގޮތައް އޮންނަ އޮތުމާއި، އިސްލާމްދީން ދޫކޮށްލާ ދިވެހިންނަށް ދިވެހިރައްޔިތުކަން ގެއްލޭ ގޮތަށް މިހާރު އޮންނަ އޮތުން ބަދަލު ކުރުމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އާއި ބޭރުގެ އެހެން ބައެއް ޖަމިއްޔާތަކުން މީގެ ކުރިން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މުސްލިމުން ނޫން މީހުންނަށް ވެސް ދިވެހިރައްޔިތުންކަން ލިބޭ ގޮތް ހަދަން ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި ގުޅޭ ގޮތުން ސަރުކާރުން އަދި މާގިނަ ވާހަކައެއް ނުދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ