ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން ވޭމަންޑޫގައި ފަށައިފި

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 13 ވަނަ މަސައްކަތު ބައްދަލުވުން ތ. ވޭމަންޑޫގައި ފަށައިފިއެވެ.
މިއީ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެކެވެ.
ހޯމް މިނިސްޓްރީން ބުނީ މިއީ ތ. އަތޮޅު ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބައްދަލުވުމެއް ކަމަށާއި މި ބައްދަލުވުމުގައި 12 ރަށަކުން އަތޮޅާއި، ރަށު ފެންވަރުގެ މުއައްސަސާތަކުން ބައިވެރިވާކަމުގައެވެ. އޭގެ ތެރޭގައި ކައުންސިލުތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އަންހެނުންގެ ކޮމިޓީތަކާއި، ތައުލީމީ ދާއިރާއާއި، ސިއްހީދާއިރާއާއި، އަދުލު އިންސާފުގެ ދާއިރާގެ މުއައްސަސާތަކުން ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެގޮތުން 12 ރަށަކުން 70 ވަރަކަށް ބޭފުޅުން މިފަހަރުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.
ހޯމް މިނިސްޓްރީން އިތުރަށް ބުނީ މިފަހަރުގެ މަސައްކަތު ބައްދަލުވުމުގައި އަށް ދާއިރާއަކުން ފެސިލިޓޭޓަރުން ބައިވެރިވެވަޑައިގެން ސެޝަންތައް ކުރިއަށް ގެންދާނެ ކަމުގައެވެ. އެދާއިރާތަކަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޖުވެނައިލް ޖަސްޓިސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް ހެލްތު، ނޭޝަނަލް ޑްރަގް އެޖެންސީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް، އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒެވެ.
މިފަހަރުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވަނީ ވޭމަންޑޫ، ވިލިފުށި، މަޑިފުށި، ދިޔަމިގިލި، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ތިމަރަފުށި، ކިނބިދޫ، ގުރައިދޫ، އަދި އޮމަދޫއިންނެވެ.
މި މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދަނީ ސަރުކާރުގެ އޮފީސްތަކުގެ ބައިވެރިވުމާއެކު ކަމަށާއި ބައްދަލުވުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ