ފެނަކަ އިން ބިންމައްޗަށް ތެޔޮ އަޅާތީ ރައްޔިތުން ކަންބޮޑުވެއްޖެ

ލ.ގަމުގައި ފެނަކަ އިން ހިންގަމުން އަންނަ މާހިންނަ އިންޖީނުގެ އިން ބޭނުން ކޮށްފައި ހުންނަ ތެޔޮ ބިންމައްޗަށް އަޅަމުން ގެންދާތީ އެރަށުގެ ބައެއް ރައްޔިތުން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މީސް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިންޖީނުގެ ކައިރީ ބިންމައްޗަށް ގިނަ އަދަދެއްގެ ތެޔޮ ވަނީ އަޅާފައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާހިންނަ އިންޖީނުގެ އިން ބިންމައްޗަށް ތެޔޮ އަޅަމުން ގެންދާތާ ދެތިން މަހެއްހާ ދުވަސް ވެއްޖެއެވެ.
އެސަރަހައްދަށް އަޅަމުންދާ ތެލަކީ ޖަނަރޭޓަރުތަކުން ފައިބާ ކަޅުތެލާއި، ތެޔޮ ޓޭންކުން އޯފްލޯ ވެގެން ފައިބާ ޑީސަލް ކަމަށް ވެއެވެ.
ގަމުން ވާހަކަދެއްކި މީހަކު ބުނީ އިންޖީންގެ ހަދާފައި ހުންނަނީ ޖަނަރޭޓަރުތަކުން ފައިބާ އަޑީތެލާއި، ޓޭންކުން އޯފްލޯ ވެގެން ފައިބާ ތެޔޮ އިންޖީން ގޭގެ ތެރޭގައި ހުންނަ ކާނަކަށް އެޅޭ ގޮތައް ކަމަށެވެ.
"އިންޖީންގޭގެ ފާރުން ކާނާއި ދިމާލުން އާނގެއް ކަނޑާފައި މިހާރު މިހުންނަނީ. އެއީ ގަސްދުގައި ތެޔޮ ކާނުން ބިންމައްޗަށް ބޭރު ކުރުމަށް ހަދާފައި ހުންނަ ގޮތެއް. ތެޔޮތައް ރައްކާތެރި ގޮތުގައި ނައްތާލުމުގެ ބަދަލުގައި އެމީހުންނަށް ފަސޭހައަކަށް ހަދާފައި ހުންނަ ގޮތެއް މިއީ." އޭނާ ބުންޏެވެ.
ގަމުން ވާހަކަދެއްކި އިތުރު މީހަކު ބުނީ ގަމުގެ ހުރިހާ ރައްޔިތުން ވެސް ބޭނުން ކުރަމުން ގެންދަނީ ބިމުން ނަގާ ފެން ކަމަށް ވާއިރު ގިނަ އަދަދެއްގެ ތެޔޮ މިގޮތައް ރަށުގެ ފެން ފަށަލައިގެ ތެރެއަށް ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެސަރަހައްދުގައި އިމާރާތްކޮށް ނިމިފައި ހުރި ފެން ޕްލާންޓެއް ވެސް ހުރުމުން ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ބިންމައްޗަށް ތެޔޮ އަޅާފައިވާ ފޮޓޯތައް މީސް މީޑިއާގައި އާއްމު ކުރުމުން ފެނަކަ އިން ވަނީ ތެޔޮތައް މައްޗަށް ވެލި އަޅާ ތެޔޮތައް މިހާރު ފޮރުވާފައެވެ.
ނަމަވެސް ގަމުން ވާހަކަދެއްކި މީހުން ބުނީ އެއީ މައްސަލައިގެ ހައްލު ނޫންކަމަށާއި، ތެޔޮތައް މައްޗަށް ވެލި އެޅި ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުން ފޫނުބެއްދޭނެ ކަމަށެވެ.
މިކަމާއި ގުޅިގެން ފެނަކައިގެ ބަހެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ